21 Jun 2024, 08:55
ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކުގެ ތަފާތު އެކި ރޯލްތައް ކުޅެފައިވާ އެކްޓަރު އަނޫޕަމް ހޭރު ހިންގާ އޮފީސް ފަޅާލުމަށްފަހު ބަޔަކު މީހުން ވައްކަން ކޮށްފިއެވެ.
މިދިޔަ ބުދަ ދުވަހު އިންޑިއާގެ މުމްބާއީގައި ހުންނަ އަނޫޕަމްގެ އޮފީސް ފަޅާލާފައި ވަނީ ދެ މީހަކު ވެގެން ކަމަށާއި އޮފީހުގެ ތިޖޫރީ ވަގަށް ގެންދިއުމުގެ އިތުރުން އޮފީހުގައި ހުރި ފިލްމުތަކެއްގެ ނެގެޓިވް ރޯލްތައް ވެސް ވަގަށް ގެންގޮސްފައިވާ ކަމަށް އަނޫޕަމް ވަނީ ބުނެފައެވެ. ވައްކަން ކުރި ދެ މީހުން އަނޫޕަމްގެ އޮފީހުގައި ހުރި ތިޖޫރީ ގެންގޮސްފައި ވަނީ އެމީހުންނަށް އެ ނުހުޅުވުމުން ކަމަށް ލަފާ ކުރެވޭ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

އެކްޓަރު އަނޫޕަމް ހޭރު އަންހެނުން ކިރަން ހޭރުއާ އެކު--ފޮޓޯ/ފިލްމުފެއަ
މި މައްސަލައާ ގުޅިގެން ފުލުހުންނަށް އެކަން ރިޕޯޓުކޮށްފައިވާ ކަމަށާއި އެ ސަރަޙައްދުގައި އަދި އޮފީހުގައި ހުރި ކެމެރާތަކުގެ އެހީގައި ވަރަށް އަވަހަށް ވައްކަން ކުރި މީހުން ހޯދާނެ ކަމުގެ ޔަގީންކަން ފުލުހުން ދީފައިވާ ކަމަށް އަނޫޕަމް ވަނީ ބުނެފައެވެ. ފުލުހުން އައުމުގެ މާކުރިން ސީސީޓީވީ ކެމެރާގެ ފުޓެޖްތައް އެއްކުރުމަށްފަހު އަނޫޕަމްގެ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް އެ ފުޓެޖްތައް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
އަނޫޕަމްއަށް ލިބުނު މި ގެއްލުމުގެ ޚަބަރާއެކު އެކްޓަރަށް ތާއީދުކުރާ ގިނަ ބަޔަކު ވަނީ ހިތްވަރު ލިބޭފަދަ މެސެޖުތައް އަނޫޕަމްއަށް ފޮނުވާފައެވެ. އަދި ވަރަށް އަވަހަށް ކުށްވެރިން ހައްޔަރުކުރާނެ ކަމަށް އަނޫޕަމްއަށް ތާއީދުކުރާ ގިނަ ބަޔަކު ވަނީ ބުނެފައެވެ.
އާއްމު ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން ސޯޝަލް މީޑިއާގައި ހިއްސާކުރުމަށް އާދަވެފައިވާ އަނޫޕަމްއަކީ ވަރަށް ހެއްވާ މަޖާ އަދި ތަފާތު އެކި ތަޖުރިބާތައް ވީޑިއޯ މެދުވެރިކޮށް ސޯޝަލް މީޑިއާގައި ހިއްސާކުރާ އެކްޓަރެކެވެ.