21 Jun 2024, 00:17
ޔޫރޯ 2024 ގެ ގްރޫޕު ސީގައި ޑެންމާކު އަތުން އެއްވަރުވެ ކުރަން ޖެހިއްޖެއެވެ.
ޖަރުމަނުގެ ފްރޭންކްފަޓް ދަނޑުގައި އިންގްލެންޑާއި ޑެންމާކު ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
މެޗާއި ކުރިމަތިލިއިރު އިންގްލެންޑަށް ތިން ޕޮއިންޓާއެކު ގަދަ 16 ޔަގީން ކުރެވެން އޮތެވެ. އިންގްލެންޑު ވަނީ ފުރަތަމަ ކުޅުނު މެޗުގައި ސާބިއާ އަތުން 1-0 އިން މޮޅުވެފައެވެ. އެހެންކަމުން މިރޭގެ މެޗުން ގަދަ 16 ގެ ފުރުސަތު އޮތީ ބޮޑުކޮށެވެ.
ޑެންމާކް ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ސްލޮވީނިއާ ކައިރިން 1-1 އިން އެއްވަރުވެފައެވެ. އެހެންކަމުން މުބާރާތުގައި ކުރިއަށްދިއުމަށް މި މެޗުން ނަތީޖާ ނެރެން އެ ޓީމަށް ޖެހެއެވެ.
މެޗުގައި އެންމެ ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ އިންގްލެންޑެވެ. މެޗުގެ 18 ވަނަ މިނެޓުގައި ކައިލް ވޯކާ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ޑެންމާކްގެ ޑިފެންޑަރުންނަށް ރަނގަޅަށް ދިފާއުނުކުރެވުމާއެކު އިންގްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭނެވެ.
މި ލަނޑާއެކި ޔޫރޯގައި ކޭން މިހާތަނަށް ޖަހާފައިވާ ގޯލުތަކުގެ އަދަދު ހަތަރަކަށް ވަނީ އަރާފައެވެ.
މެޗުގެ 34 ވަނަ މިނެޓުގައި ޑެންމާކުން ނަތީޖާ ހަމަހަމަކުރި އެވެ. ވިކްޓާ ކްރިސްޓިއަންސެން ދިން ބޯޅަ އޭރިއާގެ ބޭރުން ފޮނުވާލައިގެން ޑެންމާކަށް މި ލަނޑު ކާމިޔާބުކޮށްދިނީ މޯޓެން ހިޖޫލްމަންޑެވެ.
ގްރޫޕް ސީގައި ކޮންމެ ޓީމެއް ދެ މެޗު ކުޅުނުއިރު އިންގްލެންޑް އެއްވަނައިގައި އޮތީ 4 ޕޮއިންޓާ އެކުއެވެ. ޑެންމާކާއި ސްލޮވީނިޔާވެސް އޮތީ ދެ ޕޮއިންޓްގައެވެ. ފުލުގައި އޮތީ ޕޮއިންޓަކާއެކު ސާބިއާ އެވެ.