ކޮލެސްޓްރޯލް ގިނައިން ހިމެނޭ ކާނާއަކީ ހިތުގެ ބަލިތަކަށް ނުރަނގަޅު އެއްޗެއް ނަމަ ވެސް އެއީ ސިކުނޑީގެ ބަލިތަކަށް ރަނގަޅު ފަރުވާއެއް ލިއްބައިދޭ އެއްޗެއް ކަމަށް ސައިންސްވެރީން ހާމަކޮށްފިއެވެ.

ސިއްހީ މައުލޫމާތުތައް ޝާއިއު ކުރާ ޖާނަލްއެއް ކަމުގައިވާ ނޭޗަރ މެޑިސިން ގައި ވާ ގޮތުން ސިކުނޑިއަށް ޖެހޭ ބައްޔެއް ކަމުގައިވާ ޕެލިޒިއަސް މަރޒްބޭޗަރ ބަލި ޖެހިފައިވާ މީހުން ކޮލެސްޓްރޯލް ގިނައިން ހިމެނޭ ކާނާ ބޭނުންކުރުމުން ވަރަށް ފައިދާ ކުރެއެވެ. ސައިންސްވެރީން ހާމަ ކުރާ ގޮތުގައި މިހާތަނަށް ޖަނަވާރު ބޭނުންކޮށްގެން ކުރެވުނު ޓެސްޓުތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ފެނިފައެވެ.

މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވާ ސައިންސްވެރިއަކު ވިދާޅުވި ގޮތުގައި "ކޮލެސްޓްރޯލުން ޕީ.އެމް.ޑީ ރަނގަޅުކޮށެއް ނުދޭ. އެކަމަކު އެ ބަލީގެ ސަބަބުން ގެއްލުން ލިބޭ މިންވަރު ވަރަށް ބޮޑަށް ކުޑަކޮށްދޭ. އަދި މި ތަހުލީލު ކުރެވުނީ ޖަނަވާރު ބޭނުންކޮށްގެން. އިންސާނުން މި ތަހުލީލުތަކުގައި ބައިވެރި ކުރެވޭނީ އަދި ތަންކޮޅެއް ފަހުން" ނެވެ.

ބޭސް އުފެއްދުމަށް ޓަކައި ފުރަތަމަ މަރުހަލާގެ ތަހުލީލުތައް ސައިންސްވެރީން ކުރަނީ ބަލި ޖެހިފައި ތިބޭ ޖަނަވާރު ބޭނުންކޮށްގެންނެވެ. މި ގޮތުން އިންސާނުންނާ އެންމެ އެއް ގޮތް ބަލިތަކެއް ޖެހޭ ޖަނަވާރަކީ މީދާ ކަމަށް ސައިންސްވެރީން ބުނެއެވެ.