20 Jun 2024, 23:56
ދެކުނު އެމެރިކާ ޤައުމުތަކުގެ މެދުގައި ކުޅޭ ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު ސަރަހައްދީ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާ 2024 މިރޭ ފަތިހު ފަށަން ތައްޔާރުވެއްޖެއެވެ.
ދެކުނު އެމެރިކާއަށް ނިސްބަތްވާ 10 ޤައުމުގެ މެދުގައި އާންމުކޮށް ކުޅޭ މި މުބާރާތް މިފަހަރު ފެނިގެންދަނީ ތަންކޮޅެއް ތަފާތު ރަހަތަކަކާއެކުއެވެ.
މިގޮތުން މިފަހަރުގެ މުބާރާތް ދެކުނު އެމެރިކާގެ ޤައުމެއްގެ ބަދަލުގައި ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގައެވެ.
އަދި މީގެ އިތުރުން ކޮންފެޑެރޭޝަން އޮފް ނޯތު، ސެންޓްރަލް އެމެރިކާ އެންޑް ކެރީބިއަން އެސޯސިއޭޝަން ފުޓްބޯލް، ކޮންކާކަފްއަށް ނިސްބަތްވާ ހަ ޓީމަށްވަނީ މިފަހަރުގެ މުބާރާތުން ޖާގަދީފައެވެ. އެހެން ކަމުން މިފަހަރުގެ މުބާރާތުގައި 16 ޓީމު ވާދަކުރާތަން ފެނިގެންދާނެއެވެ.
ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓްބޯޅަ ފެޑެރޭޝަން، ކޮމެބޯލްއަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި 2016 ވަނަ އަހަރު ބޭއްވި ކޮޕާ އެމެރިކާގެ ހާއްސަ މުބާރާތް ވެސް ބާއްވާފައިވަނީ 16 ޓީމާއެކު އެމެރިކާގައެވެ.
ނަމަވެސް މިއީ އާންމުކޮށް ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވާ މިމުބާރާތް ދެނުކު އެމެރިކާ ސަރަހައްދުން ބޭރުގައި ބާއްވާ ފުރަތަމަ ފަހަރެވެ. 1993 ވަނަ އަހަރަށްފަހު ބާއްވަމުން އަންނަ ކޮންމެ މުބާރާތެއްގައި 12 ޓީމު ވާދަކުރަމުންދެއެވެ.
މިގޮތުން ގިނައިން ވާދަކޮށްފައިވަނީ ދައުވަތު ދީގެން ބައިވެރިވާ ޖަޕާން އާއި ޤަތަރެވެ. ނަމަވެސް އެންމެ ފަހުން 2021 ވަނަ އަހަރު ބޭއްވި މުބާރާތުގައި ވާދަކޮށްފައިވަނީ ދެކުނު އެމެރިކާގެ 10 ޓީމު އެކަންޏެވެ.
މިފަހަރުގެ މުބާރާތް އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ގިނަ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ދެކުނުގެ ސްޓޭޓްތަކުގައެވެ.
މީގެތެރޭގައި ކެލިފޯނިއާ، ޓެކްސަސް އަދި ފްލޮރިޑާ ހިމެނެއެވެ. ނަމަވެސް އުތުރުގެ ބައެއް ސިޓީތައް ކަމުގައިވާ ނިއު ޖާޒީގައިވެސް ބައެއް މެޗުތައް ކުޅުމަށްވަނީ ހަމަޖެހިފައެވެ.
މިއީ 2026 ވަނަ އަހަރު އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވާލްޑް ކަޕަށް ތައްޔާރުވުމަށް އެމެރިކާއަށް ލިބިގެންދާ ރަނގަޅު ފުރުސަތެއްގެގޮތުގައެވެ.
ދެކުނު އެމެރިކާއަށް ނިސްބަތްވާ 10 ޓީމުގެ އިތުރުން މިމުބާރާތުގައި ދެން ފެނިގެންސާ ކޮންކާކަފް ސަރަހައްދަށް ނިސްބަތްވާ 6 ޓީމުގެ ތެރޭގައި ހިމެެނެނީ މުބާރާތް ބާއްވާ ޤައުމު އެމެރިކާ، މެކްސިކޯ، ޖެމެއިކާ، ކެނެޑާ، ކޮސްޓާރީކާ އަދި ޕެނެމާއެވެ.
މިހާރު އެންމެ ގިނަ ބައެއްގެ ހިތްތަކުގައި އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ މިއީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމުގައިވާ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީގެ ވާދަކުރާ މި ފެންވަރުގެ އެންމެ ފަހު މުބާރާތަށްވެގެން ހިނގައިދާނެތޯއެވެ.
މެސީގެ އުމުރުން މިހާރު 36 އަހަރެވެ. އަދި ދެން އޮންނަ ފީފާ ވާރލްޑް ކަޕް އަންނައިރު އޭނާގެ އުމުރުން ހުންނާނީ 39 އަހަރު ވެފައެވެ. ވާރލްޑް ކަޕާއި ބެހޭގޮތުން ސުވާލު ކުރުމުން މެސީ ހާމަކުރި ގޮތުގައި އެކަން ބޮޑަށް ބިނާވެގެންދާނީ އެއިރު އޭނާގެ ހާލަތާމެދު އޭނާއަށް އިހްސާސްކުރެވޭ ގޮތެއްގެ މައްޗަށެވެ.
މިގޮތުން އޭނާ ފިޒިކަލީ އަމިއްލައަށް އިހްސާސް ކުރެވޭގޮތަކާއި އޭނާ ހުރީ މެޗުތަކުގައި އެހެން ކުޅުންތެރިންނަށް އެހީތެރިވެދީ ޓީމަށް ފައިދާއެއް ކުރެވޭ ހާލަތުގައިތޯ ބެލުން މުހިންމު ކަމުގައި އޭނާ ހާމަކުރިއެވެ.
އެހެން ވެއްޖެނަމަ އޭނާ ވާލްޑް ކަޕުން ފެނިގެން ހިނގައިދާނެކަމަށާއި ނަމަވެސް އެކަން އެހެން ނުވާނަމަ މި ފަހަރުގެ ކޮޕާ އެމެރިކާ ވެގެންދާނީ މެސީގެ ފަހު ބޮޑު މުބާރާތަށެވެ.
އެހެން ކަމުން މިވަގުތު ވާލްޑް ކަޕާ ބެހޭގޮތުން ވަކިއެއްޗެއް ބުނަން މެސީ ބޭނުމެއް ނުވެއެވެ. ގިނަ ބަޔަކު ޤަބޫލް ކުރާ ގޮތުގައި މިފަހަރުގެ މުބާރާތް ކާމިޔާބު ކުރުން އެންމެ ގާތީ އާޖެންޓީނާއެވެ.
އެހެން ކަމުން މެސީ އާއި އޭނާގެ ޓީމު އަންނަނީ ޖެހިޖެހިގެން ތިންވަނަ މުބާރާތް ކާމިޔާބު ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ. މިފަހަރުގެ މުބާރާތް ކާމިޔާބު ކުރެވިއްޖެނަމަ އާޖެންޓީނާ ވެގެންދާނީ މިމުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކުރި ޓީމަށެވެ. މި ވަގުތު 15 ފަހަރަށް މިމުބާރާތް ކާމިޔާބު ކޮށްގެން އާޖެންޓީނާ އާއި އުރުގުއާއީ އުޅެނީ އެއްވަރެއްގައެވެ.
އާޖެންޓީނާގެ ފަހަތުން މިމުބާރާތް ކާމިޔާބު ކުރާނެކަމަށް ބެލެވޭ ޓީމު ތަކުގެ ލިސްޓްގެ ދެވަނައިގާ އުޅެނީ ބްރެޒިލްއެވެ. 2019 ވަނަ އަހަރު އެންމެ ފަހުން މިމުބާރާތް ކާމިޔާބު ކޮށްފައިވާ ބްރެޒިލް މިފަހަރުގެ މުބާރާތާއި ކުރިމަތިލަނީ 10 ވަނަ ފަހަރަށް ކޮޕާ އެމެރިކާ ކާމިޔާބު ކުރުމުގެ އުންމީދާއެކުއެވެ.
ބްރެޒިލްއަށް މިމުބާރާތް ކާމިޔާބު ކުރުމުގެ ހުރިހާ އުންމީދެއް ގުޅިފައިވަނީ އެޓީމުގެ ފޯވަޑް ލައިންގައި ހިމެނޭ ތިން ފޯވަޑުން ކަމަށްވާ ވިނީޝިއަސް ޖޫނިއާ، ރޮޑްރިގޯ އަދި އެންޑްރިކް އަށެވެ.
މިފަހަރުގެ މުބާރާތުގައި 16 ޓީމު ބަހާލެވިފައިވަނީ ހަތަރު ޓީމުގެ ހަތަރު ގްރޫޕަށެވެ. އަދި ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ކްއާޓާ ފައިނަލަށް ދާގޮތަށެވެ. ގްރޫޕް ތަކަށް ބަލާލާއިރު:
ގްރޫޕް އޭ: އާޖެންޓީނާ، ޕެރޫ، ޗިލީ، ކެނެޑާ
ގްރޫޕް ބީ: މެކްސިކޯ، އެކުއެޑޯ، ވެނެޒުއޭލާ، ޖެމެއިކާ
ގްރޫޕް ސީ: އެމެރިކާ، އުރުގުއާއީ، ޕެނެމާ، ބޮލިވިއާ
ގްރޫޕް ޑީ: ބްރެޒިލް، ކޮލަމްބިއާ، ޕެރެގުއާއީ، ކޮސްޓަރީކާ
މިފަހަރުގެ މުބާރާތް މިރޭ ފަތިހު އެޓަލާންޓާގެ މާސިޑީޒް ބެންޒް ސްޓޭޑިއަމް އިން ފެށުމަށް ހަމަޖެހިފައިވާއިރު މިމުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހު މައޭމީގެ ހާޑް ރޮކް ސްޓޭޑިއަމްގައެވެ.