ކުށް ކުރުން އިތުރުވީ މިދިޔަ އެމްޑީޕީގެ ސަރުކާރުން ކަމަށް ފުލުހުން ބުނީ އެއްވެސް ހެއްކެއް ނެތި ކަމަށް އެމްޑީޕީން ބުނެ ފާޑުކިޔައިފިއެވެ.

މިކަމާ ގުޅުގެން މިއަދު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ މާލެ ސަރަހައްދުގައި ކުށް ކުރުން ހައްދުން ނެއްޓި އެތައް ބައެއްގެ މުދަލަށް ގެއްލުންވަމުންދަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ސަބަބުން ކަމަށް ސިފަވާގޮތަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ދައްކަވައިފައިވާ ވާހަކަތައް އެމްޑީޕީގެ ފަރާތުން ކުއްވެރި ކުރާ ކަމަށެވެ.

އެގޮތުން ކުށް ކުރުން އިތުރުވެފައިވަނީ މީގެ 10 މަސް ކުރިން ބަންދުން ދޫކޮށްލި ބައެއްގެ ސަބަބުން ކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވެފައިވަނީ އެކަމަށް ބާރުދޭނެ އެއްވެސް ހެއްކެއް ވެސް، ތަފާސްހިސާބެއް އަދި ދިރާސާއެއް ނުވަތަ ލިޔެކިޔުމެއް ވެސް ނެތި ސިޔާސީ މަންފާއެއް ހާސިލު ކުރުމުގެ ބޭނުމުގައި ކަމަށް އެ ޕާޓީން ދެކޭ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އަދި ޤައުމުގެ އަމަން އަމާންކަން ބެލެހެއްޓުމާއި ކުށް ކުރުން ހުއްޓުވުމުގެ ގާނޫނީ މަސްއޫލިއްޔަތު އެޅިފައި އޮތް ފުލުހުންގެ ކިބައިން އެފަދަ ވާހަކައެއް ދެއްކުމަކީ ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި އެމްޑީޕީން ވަނީ ސިފަ ކޮށްފައެވެ.

އެމްޑީޕީން ބުނީ އެ ޕާޓީން ޙުކުމް ތަންފީޒު ކުރަމުންދިޔަ މީހަކު މިނިވަން ކުރުމުގައި ޢަމަލުކޮށްފައިވާނީ އެކަމަށް ޙާއްސަ ޤާނޫނުގައި ކަނޑައަޅައިފައިވާ އުސޫލުތަކާއި އިޖުރާއަތުތަކަށް ކަމަށެވެ.

އަދި މިނިވަން ކޮށްފައިވާ މީހުންނަކީ އެކި ކުށްކުށުގައި ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންގެ ތެރެއިން، ޖަލުގެ އަޙްލާގު ރަނގަޅު މީހުންނާއި، ރިހެބިލިޓޭޓްކުރުމާއި މަސައްކަތް ދަސްކޮށްދިނުމަށް ޖަލުގައި ހިންގޭ އެކިއެކި ޕްރޮގްރާމްތައް ފުރިހަމަކުރާ މީހުންގެ ތެރެއިން، މުޖުތަމައުއަށް އަނބުރާ ގެނެސް، އަލުން ދިރިއުޅުން ބިނާކުރުމަށް އިތުރު ފުރުސަތެއް ދެވިދާނެފަދަ މީހުން ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އަދި އެ މީހުން މިނިވަން ކުރީ މިނިވަންކުރާ ދުވަހުން ފެށިގެން އެއް އަހަރުގެ ތެރޭގައި އިތުރު ޖިނާއީ ކުށެއް ނުކުރުމަށް ޝަރުތުކޮށް، އެ މުއްދަތުގައި ޖިނާއީ ކުށެއް ކޮށްފިނަމަ، އިތުރު ޙުކުމެއް ކުރުމަކާ ނުލައި އެ މީހަކު އަލުން އަނބުރާ ޖަލަށް ގެންދާ ގޮތަށް ކަން ވެސް އެރ ޕާޓީން ވަނީ ފާހަގަ ކޮށްފައެވެ.

އަދި މާފުފުކުރެވުނު ޙުކުމުގެ ބާކީ ބައި ތަންފީޒުކުރަން ފަށަންޖެހޭ ގޮތަށް ވެސް ކަނޑައަޅައިފައިވާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އެ ޕާޓީން ބުނީ މިދިޔަ ސަރުކާރުން މިނިވަންކޮށްފައިވާ މީހަކު ޖިނާއީ ކުށެއް ކޮށްފިނަމަ، އިތުރު ޙުކުމެއް ކުރުމަކާ ނުލައި އެމީހަކު އަލުން އަނބުރާ ޖަލަށް ލުމުގެ ޤާނޫނީ ފުރުސަތު އޮތް ކަމަށެވެ.

އަދި އެހެން އޮތް އިރު، މި ދުވަސްވަރު ކުށްކުރަމުންދާ މީހުންނާމެދު އެއްވެސް ފިޔަވަޅެއް ނާޅައި ބަންދު ނުކޮށް ބައިތިއްބުމުން އިނގެނީ އެ މީހުންނަކީ އެމްޑީޕީގެ ސަރުކާރުން މިނިވަންކޮށްފައިވާ މީހުން ނޫންކަންކަމަށް ވެސް އެ ޕާޓިން ވަނީ ބުނެފައެވެ.

އަދި މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ނުރައްކާތެރި ކުށްވެރިންތަކެއް މިނިވަން ކުރުމުން ވެސް އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ

އަދި ކުށްވެރިން ދޫކޮށްފައިވަނީ، ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމުގެ ތުހުމަތު އޮތްކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ. އެހެންވެ ދޫކޮށްލި މީހުންގެ ލިސްޓު އާންމު ކުރުމަށް އެ ޕާޓީން ގޮވައިލައިފައިވެއެވެ.

އެމްޑީޕީން ބުނީ ކުށް ކުރުން ހުއްޓުވޭނީ ފުރިހަމައަށް ޤާނޫނު ތަންފީޒްކުރުމާއެކު، ސަރުކާރުން ޤާނޫނީ ޒިންމާ އަދާކޮށްގެން ކަމަށެވެ.

އަދި ކަން އެހެން އޮތް އިރު ކުށް ކުރުން ހުއްޓުވުމުގެ ގާނޫނީ ޒިންމާއިން ބަރީއަވުމުގެ ބަދަލުގައި އެ ޒިންމާ އަދާކޮށް، މުޖުތަމައުގެ އަމާންކަމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެ ޕާޓީން ވަނީ ސަރުކާރަށް ގޮވައިލައިފައެވެ.