17 Jun 2012, 23:06
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ހަމައެކަނި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި 31000 އަށް ވުރެ ގިނަ ވޯޓް ލިބިފައިވާ ކަމަށް ވަގުތީ ނަތީޖާ އިން ދައްކާ ކަމަށް އެ ޕާޓީ އިން ބުނެފި އެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާއާ ގުޅޭ ގޮތުން މީޑިއާތަކަށް މިރޭ ފޮނުވި އެސްއެމްއެސްގައި އެމްޑީޕީން ބުނެފައި ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ބެހެއްޓި 258 ވޯޓް ފޮށި ގުނައި ނިމިފައިވާ ކަމަށާއި ވަގުތީ ނަތީޖާ ދައްކާ ގޮތުން ނަޝީދު ރިޔާސީކެންޑިޑޭޓަކަށް ވާދަކުރަން ފެންނަ ކަމަށް 31798 މީހުން ވޯޓް ދީފައިވާ ކަމަށެވެ. އަދި ނުފެންނަ ކަމަށް 269 މީހަކު ވޯޓް ދީފައިވާ ކަމަށް ވެސް އެމޑީޕީން ވަނީ ބުނެފަ އެވެ.
ޗެއާޕާސަން ކަމަށް ހަމައެކަނި ވާދަކުރެއްވި ރީކޯ މޫސާ މަނިކަށް އެ މަގާމުގައި އޭނާ ހުންނަން ފެންނަ ކަމަށް 29440 ވޯޓްލިބިފައިވާ ކަމަށާއި ނުފެންނަ ކަމަށް 2160 މީހުން ވޯޓްލި ކަމަށް އެ ޕާޓީ އިން ބުންޏެވެ.
ޑެޕިއުޓީ ޗެއާޕާސަން އިދާރީގެ މަގާމަށް ކުރިމަތި ލައްވާފައިވާ އަލީ ޝިޔާމަށް ލިބިފައި ވަނީ 597 ވޯޓެވެ.
އިންތިހާބު ކޮމިޓީގެ މެންބަރު މުހައްމަދު ގަސަމް މިއަދު ވިދާޅުވީ ވަގުތީ ނަތީޖާ އިއުލާނުކުރުން ލަސްވީ ރަށްރަށުން އިންތިހާބުގެ ނަތީޖާތައް އެސްއެމްއެސް މެދުވެރިކޮށް ގެންނާތީ ކަމަށާއި އަދި ބައެއް އެސްއެމްއެސް ފޮނުވާއިރު ރަށުގެ ނަންނުޖަހާ އެސްއެމްއެސް ފޮނުވާތީ އެކަންކަން އަލުން ސާފުކުރުމުގެ މަސައްކަތް ކުރާތީ ވޯޓުގެ ނަތީޖާތައް އިއުލާނު ކުރުން ލަސްވެގެންދިޔަ ކަމަށެވެ.