20 Jun 2024, 11:00
މާލެއިން ގެއްލިގެން ހޯދަމުންދިޔަ 14 އަހަރުގެ އަންހެން ކުއްޖާ ރޭ ފެނިއްޖެއެވެ.
ފުލުހުން އިއްޔެ އިއުލާންކުރީ، ގެއްލިގެން ހޯދަނީ މ. އެނބޫމާގެއާގެ، ޚަދީޖާ ޔަލްވީ ކަމަށާއި ކުއްޖާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ.
ފުލުހުން މިއަދު ބުނީ އެ ކުއްޖާ ރޭ މާލެއިން ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
ނަމަވެސް އެ ކުއްޖާ ފެނުނު ގޮތާއި އޭނާއާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާނުކުރެއެވެ.
މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ޚަދީޖާ ޔަލްވީ ގެއްލިގެން އިއުލާންކުރިއެވެ. އެގޮތުން އެ މަހުގެ 16ގައި ކުއްޖާ ހޯދަން އިއުލާންކުރީ، އޭނާ އެންމެ ފަހުން ފެނުނު ދުވަހަށް ފަސް ދުވަސްވީ ފަހުންނެވެ.
އެ އިއުލާނުކުރިތާ މާ ގިނައިރެއް ނުވެ އެ ކުއްޖާ ގެއަށް ގޮސްފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފައިވެއެވެ.
މީހުން ގެއްލިގެން ދޭތެރެދޭތެރެއިން ރިޕޯޓުކުރެއެވެ. އޭގެ ތެރޭގައި ފުރާވަރުގެ ކުދިން ގިނައިން ހިމެނޭއިރު، އާންމުކޮށް ހޯދަން އިއުލާނުކުރާ ހިސާބުން އެ މީހުން ފެނެއެވެ.