20 Jun 2024, 11:27
ޓެލްއަވީވު (20 ޖޫން 2024): އިސްރާއީލުގެ ސިފައިންގެ މުއައްސަސާއާއި އެގައުމުގެ ސިޔާސީ ވެރިންނާ ދެމެދުގައި ދެބަސްވުންތައް ބޮޑުވެ ސަރުކާރާ ދެކޮޅަށް ސިފައިން ފާޑުކިޔަން ފަށާފައިވަނިކޮށް ސިޔާސީ ވެރިން އެދޭގޮތަށް ހަމާސް ޖަމާއަތް ބަލިނުކުރެވޭނެކަމަށް އިސްރާއީލުގެ ސިފައިންގެ މުއައްސަސާއިން ބުނެފިއެވެ.
އިސްރާއީލު ސިފައިންގެ ތަރުޖަމާނު ޑެނިއަލް ހަގާރީ އިއްޔެ ބުނެފައި ވަނީ އިސްރާއީލުގެ ސަރުކާރު (ސިޔާސީ ވެރިން) ކަނޑައަޅާފައިވާ ޣައްޒާގެ ހަނގުރާމައިގެ އަމާޒު ކަމަށްވާ ހަމާސް ޖަމާއަތް ބަލިކުރުމަކީ އަދި އެޖަމާއަތް ނައްތާލުމަކީ ހާސިލް ނުކުރެވޭނެ ކަމެއް ކަމަށާއި އެކަން ކުރަންއުޅުމުން ސިފައިންނަށް ލިބޭ ބޮޑެތި ގެއްލުންތައް، އެކަމަށް ގޮވާލާ ފަރާތްތަކަށް އިހުސާސް ނުކުރެވޭކަމުގައެވެ.
ހަގާރީ ބުނިގޮތުގައި ހަމާސް އަކީ ހަނގުރާމަވެރި ޖަމާއަތެއްގެ އިތުރުން ފަލަސްތީނު ރައްޔިތުންގެ ގިނަ ބައަކު ގަބޫލުކުރާ އަދި ފަލަސްތީނު މީހުންގެ ހިތްތަކުގައިވާ ފިކުރެކެވެ. އެފިކުރު ބައްޔެއް ނުކުރެވޭނެއެވެ. އަދި ނައްތައެއްވެސް ނުލެވޭނެއެވެ.
ހަގާރީ ސަރުކާރަށް ގޮންޖަހައި މިމޭރުމުން ވާހަކަ ދެއްކުމުން އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު އަދި ސިފައިންގެ އިސްވެރިޔާ ބެންޖަމިން ނަތަންޔާހޫ ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެ ސިފައިންގެ އިސްވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅާ ހިސާބުގައި ކަމަށް އިސްރާއީލުގެ މިނިވަން ނޫހެއްކަމަށްވާ "ހާއާޓްސް" ބުނެއެވެ.
"ހާއާޓްސް" ބުނާގޮތުން ހަމާސް ބަލިކުރެވޭނެކަމަށް ބުނެ ހަމާސް ނައްތާލުމުގެ އަމާޒު ހާސިލްކުރަން ނަތަންޔަހޫ ސިފައިންނަށް މަޖުބޫރު ކުރުމުން ނުވަ މަސްވީއިރުވެސް އިސްރާއީލު ސިފައިންނަށް އެކަން ހާސިލްނުވެ އިސްރާއީލު ސިފައިންވަނީ ދުނިޔެއަށް ބޭޒާރުވެފައެވެ.

ހަމާސް ގެ ހަމަލާތަކުގައި މަރާލާފައިވާ އިސްރާއީލު ސިފައިންގެ މީހެއްގެ ޖަނާޒާ
އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތަކުން އިސްރާއީލަށް ޒަމާނީ ހަތިޔާރު އޮއްސާއިރު އަދި ޖާސޫސީ މައުލޫމާތާއި އިގްތިސާދީ އެހީއާއި ސިޔާސީ ހިމާޔަތާއި ހިއްވަރު ދެމުންގެންދާއިރު ހަމާސް އަކީ އިސްރާއީލުގެ އަސްކަރިއްޔާއާ އަޅާކިޔާލެވޭވަރަށް ވުރެ ހަތިޔާރުގެ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން މާކުޑަކުޑަ ޖަމާއަތެކެވެ.
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާތީ އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ހަމާސް ހަދާފައިވަނީ ޓެރަރިސްޓް ޖަމާއަތަކަށެވެ. އެހެންކަމުން ހަމާސްއަކީ އެއްވެސް ފަރާތެއްގެ އެހީއެއް ލިބޭ ޖަމާއަތެއް ނޫނެވެ. ހަމާސްއަކީ އިސްލާމީ ފިކުރުގެ ޖަމާއަތަކަށްވާތީ މިސްރާއި ގަލްފުގެ އަރަބި ގައުމުތަކަކީ ހަމާސް އާ ވަރަށް ބޮޑަށް ދެކޮޅު ގައުމުތަކެކެވެ.
އެމެރިކާގެ ފިއްތުންތަކާ ގުޅިގެން ހަމާސްއަށް ހަތިޔާރު ފޯރުކޮށްދިނުމަކީ އެއްވެސް ގައުމަކަށް ކުރަންކެރޭ ކަމެއްނޫނެވެ. ކިރިޔާވެސް ހަމާސްއަށް ހަތިޔާރާއި ހަތިޔާރުގެ ޓެކްނޮލޮޖީ ފޯރުކޮށްދެނީ އެމެރިކާ ދެކެ ޖެހިލުންނުވާ އަދި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ޝިކާރައަކަށް ވެފައިވާ އީރާނުންނެވެ. ނަމަވެސް ހަމާސްއަކީ ޣައްޒާގައި ހިސާރުވެފައިވާ ޖަމާއަތަކަށްވާތީ ހަމާސްއަށް ހަތިޔާރު ފޯރުކޮށްދިނުމަކީ އީރާނަށްވެސް ވަރަށް ދަތިކަމެކެވެ.
އިސްރާއީލު ސިފައިން ގެންގުޅޭ ބާރުގަދަ ޒަމާނީ ހަތިޔާރުތަކާއި އިސްރާއީލުގެ ސިފައިންނާ ހަމާސްގެ މުޖާހިދުން ކުރިމަތިލައި އެމީހުންނަށް ބޮޑެތި ގެއްލުންތައް ދެމުން ދަނީ ހަމާސްގެ އިންޖިނޭރުން ބިންގަރާސްތަކުގައި އަމިއްލައަށް އުފައްދާ ހަތިޔާރުންނެވެ.
ހަމާސް އޮތީ އެމެރިކާއިން އެޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ސިފަކުރިނަމަވެސް އަދި ކޮންމެ އެއްޗެކޭ ކީނަމަވެސް ފަލަސްތީނުގެ މިނިވަންކަމަށް ކުރާ ޖިހާދު ހުއްޓާލާގޮތަކަށް ނޫނެވެ.
އިސްރާއީލުގެ މިނިވަން ނޫހެއްކަމަށްވާ "ހާއާޓްސް" ބުނާގޮތުން ހަމާސް އާ ދެކޮޅަށް ނުވަ މަސްވަންދެން އިސްރާއީލު ކުރި ހަނގުރާމައިގައި އިސްރާއީލު ސިފައިންގެ ގިނަ ބަޔަކު މަރުވެ 70 ހާހަށް ވުރެ ގިނަ ސިފައިން ޒަޚަމްވެ ސިފައިންގެ އެތައް ބައެއްގެ އަތްފައި ބުރިވެ ނުކުޅެދޭ ހާލަތަށް ގޮސްފައިވާތީ ހަމާސް ބަލިކުރުމަކީ ކުރެވޭނެކަމެއް ނޫންކަން އިސްރާއީލު ސިފައިންނަށް މިހާރުވަނީ ޔަގީންވެފައެވެ.
އެހެންކަމުން އިސްރާއީލު ސިފައިން ބޭނުންވަނީ ހަމާސް އާއެކު ހަދާ ޑީލެއްގެ ދަށުން އިސްރާއީލުގެ އަސީރުން މިނިވަންކޮށް ޣައްޒާގެ ހަނގުރާމަ ހުއްޓާލާށެވެ. ނަމަވެސް މިއީ ނަތަންޔަހޫ އާއި އޭނާގެ ސަރުކާރު އެދޭގޮތެއް ނޫނެވެ.
ހަމާސް އެންމެ ފުރަތަމަވެސްވަނީ އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ އަސީރުން މިނިވަންކުރާ ގޮތަށް އިސްރާއީލުގެ އަސީރުން މިނިވަންކުރުމަށް ހުށަހަޅާފައެވެ.
ނަމަވެސް ނަތަންޔާހޫ ވަނީ ހަމާސް ބަލިކުރެވޭނެކަމަށް ބުނެ ޣައްޒާއަށް ބޮންއަޅައި އަދި އެއްގަމުން އަރައިގަނެ ޣައްޒާ ފުނޑާލައި އާންމުންގެ 37 ހާހަށް ވުރެގިނަމީހުން މަރާލައި ޣައްޒާގެ ހޮސްޕިޓަލްތައް ހަލާކުކޮށް އެތަންތަން ގަބުރުސްތާނަކަށް ހަދައި އަދި ޣައްޒާއަކީ އިންސާނުންނަށް ދިރިނޫޅެވޭވަރުގެ ތަނަކަށް ހަދާފައެވެ.
މިއާއެކުވެސް ހަމާސް ބައްޔެއް ނުކުރެވުނެވެ. އަދި އަސީރުންވެސް މިނިވަނެއް ނުކުރެވުނެވެ. އަނެއްކޮޅުން މިޖަރީމާތަކާ ގުޅިގެން ނަތަންޔާހޫ ވަނީ ބައިނަލްއަގްވާމީ ފެންވަރުގެ ނުރައްކާތެރި މުޖްރިމަކަށް ވެފައެވެ. އިސްރާއީލުގެ މައްޗަށްވަނީ ހަނގުރާމައިގެ ޖަރީމާ ހިންގުމާއި ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ ދައުވާ ބައިނަލްއަގްވާމީ އިންސާފުގެ ކޯޓުގައި އުފުލާފައެވެ. އަދި ހަނގުރާމައިގެ މުޖްރިމުންގެ ގޮތުގައި ނަތަންޔާހޫ އާއި އިސްރާއީލުގެ އިސްވެރިން ހައްޔަރުކުރުމުގެ އަމުރަކަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުންވަނީ އެދިފައެވެ.
އަނެއްކޮޅުން އިސްރާއީލަށް ވަގިވެރިވާ ހުޅަނގުގެ އާންމުންގެ ގިނަބަޔަކުވަނީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވެފައެވެ. މިކަން ހުއްޓުވުމަށް ހުޅަނގުގެ ގައުމުތަކުން ބާރުގެ ބޭނުންކޮށް އިސްރާއީލާ އިދިކޮޅު ޚިޔާލުތަކަށް ފުރުސަތު ނުދިނުމުން ހުޅަނގުގެ ބާރުތައް ބައިނަލްއަގްވާމީ މުޖްތަމައުގެ ކުރިމަތީގައިވަނީ ބޭޒާރުވެފައެވެ.