20 Jun 2024, 08:41
"ނިދުމަށް ލޯބިކުރަންޏާ ތަހައްޖުދު ނަމާދަށް ތެދުވާށެވެ. ފައިސާއަށް ލޯބިކުރަންޏާ ގިނަގިނައިން ސަދަގާތް ދޭށެވެ. މިއުޒިކަށް ލޯބިކުރަންޏާ ގިނައިން ގުރުއާން އަޑުއަހާށެވެ. ކެއުމަށް ލޯބިކުރަންޏާ ރޯދަ ހިފާށެވެ. ސަބަބަކީ ދުނިޔެއަށްވުރެ ﷲ ތައާލާދެކެ ވާ ލޯބީގެ ބުރަދަން އިތުރުވާން ޖެހޭތީއެވެ."
***
ކެނާންގެ އަތުގައި ކޮށްޓައިލުމުންވެސް މަދީނާ ހޭނުލިއެވެ. އެންމެ ފަހުން ލޯ މަތީ އަޅާފައި އޮތް ސްލީޕިންގ މާސްކް ނެގިއެވެ. ކެނާން ވެސް ދިޔައީ ސިއްސައިގެންނެވެ. ރަތް ކަން ގަދަވެފައި ލޮލުގެ ކަޅި ބޮޑެވެ. މަދީނާ ގެ ތުންފަތަށް ވެރިވި ހިނިތުންވުމުގައި ހުރީ މަކަރުވެރި ގޮތެކެވެ. އަދި ގޮނޑިޔަށް ވެއްޓިފައި އޮތް ހަށިގަނޑު ސީދާކޮށްލިއެވެ. ކެނާން ގެ ދެލޮލަށް ބަލައިލީ އެ މާސްކް ނަގާނެ ކަން ދެނެހުރި ފަދައަކުންނެވެ. މަދީނާ ސީޓް ބެލްޓް ނައްޓަން ދިމާކުރިއެވެ. ކެނާން ހުޝިޔާރުކަމާއެކު އަތުގައި ހިފުނީ ހަމަ ބޮޑު ރަޙްމަތެކެވެ. އަދި ވީހާވެސް އަވަހަށް އާޔަތުލް ކުރުސި ކިޔައިލެވުނެވެ. ކެނާން އަށް އޭނާ ކުރިމަތިލަިއގެން މިހިރީ އަސްލު މދީނާ އާއި ނޫން ކަން ޔަގީންވިއެވެ. އޭނަ ލޯ އަޅާލާފައި ކެނާންގެ އަތުގައި ދަތް އެޅިއެވެ. ލޭ އަރާވަރު ކުރި އިރުވެސް ކެނާން ހުއްޓައިނުލާ ކިޔަވަމުން ދިޔައެވެ. ބޯޓުގެ ލައިޓުތައް ވެސް ނިވާލީ އެވަގުތުއެވެ. މަޫސުން ގޯސްވުމުގެ ސަބަބުން ލޮޅުންތައް އިތުރުވާން ފެށީއެވެ
***
އަރޯރާ ބޮރެލިސް ފަޚުރުވެރިކަމާއެކ ދައްކުވާދިން ރީތި ކުލަތަކުގެ ނަށައިލުމުގެ ޝޯއިން އުރުޖުވާންގެ ހިތް އާޝޯޚުވިއެވެ. ކުޅަދުންވަންތަކަމާއިިމެދުގައި ވިސްނި ހަމްދުކުރެވުނެވެ. އެފަދަ އަޖައިބުކުރުވަނިވި މަންޒަރެއް ފެނުމުގެ ނަސީބު ދެއްވިކަމަށްޓަކައި ހަމްދުގެ ކަރުނުން ލޯ ތެމުނެވެ. މާގިނައިރެއް ނުވެ ނިދުމުގެ އާލަމަށް ގެނބުނެވެ. ފަޖުރުގެ އަލިކަން ފައުޅުވީއިރު އަށެއް ޖަހަން ކައިރިވެއްޖެއެވެ. ފިނިމޫސުމުގެ ދުވަސްތައް ކުރުވަނީ ލަހުން އިރުއަރާފައި އަވަހަށް އިރު އޮއްސޭތީއެވެ.ފަޖުރުގެ ނަމާދަށް ހޭލި މާޒިމް އާއި އުރުޖުވާން ނަމާދުކުރިއެވެ. މާޒިމް ދެއަތް އުފުލާ ދުއާ ކުރެވުނީ އެ ހިތުގައި ވި އެންމެ ބޮޑު އެދުމެވެ. ސާލިޙު ދަރިއަކަށެވެ. ތުނި ކޮށް ވެހިގަތް ވާރޭ ފޮދާއެކު ދުޢާ ނިންމާލެވުނީ އެ ދުޢާ އިޖާބަވާނެ ކަމުގެ ފުރިހަމަ އުންމީދާއެކުއެވެ. އުރުޖުވާން އެ ހަޔާތައް އައި ފަހުން ލިބުނު އެންމެ ބޮޑު ނިޢުމަތަކީ ދީނާ އާއި ގާތް ވުމެވެ. ހުރިހާ އުފަލެއްގެ ވެސް އަސްލު މަގުސަދަކީ މާތް ﷲ ގެ ރުއްސެވުން ލިބިގަތުން ކަމުގައި އޭނާގެ ހިތުގެ އަޒުމް ވަރުގަދަކުރިއެވެ. ހިމަ ފޮދު ވާރޭގައި ދެލޯ މަރާލައިގެން އަރާމު ވައި ތެރޭގައި ފުން ނޭވާ އެއް ލުމަށްފަހު އުރުޖުވާންގެ ތުންފަތަށް ވެރިކޮށްލީ އުފާވެރި ހިނިތުންވުމެކެވެ.
" އައި ވޯންޓް މައި ލާސްޓް މޮމެންޓްސް ހިއަ......" އުރުޖުވާން އަށް ބުނެލެވުނީ ބޭއިޚްތިޔާރުގައެވެ. ބޭނުންވީ މިފަދަ އަމާން ކަމެއްގެ ތެރޭގައި އަބަދުވެސް ދިރިއުޅުމަށެވެ. މާޒިމް އަށް ހެވުނެއް ކަމަކު އޭނާގެ ހިތް ވެސް އެކަމާއި އެއްބަސްވެލިއެވެ. ގުދުރަތީ ރީތިކަމުން ފުރިފައިވާ މާހައުލެއްގައި ރީތި ހަނދާންތަކެއް ހޭދަކުރުމަށްފަހު ސްވިޒަލޭންޑްގެ ދަތުރުގެ ނިމުން އައީ އެވެ.
ގެއާ ހަމަޔށް ފޯރި ވަގުތު ދޮރުމަތިން ބައްދަލުކުރީ ޒެލްޑާއެވެ. އޭނަ ދެކޮޅަށް ބޯ ހޫރާލަ ހޫރާލައި ހުރީ ފިކުރުބޮޑުވެ ނުތަނަސްވެފައެވެ. އެއީ އޭނާ އަށް ނާންގާ ސައިކަލުގައި ރޭގަނޑު އެފަދަ ތަނަކަށް ދިއުމުންނެވެ. އޭނާގެ ހިތުގައި މާޒިމް އާއި އުރުޖުވާން އަށް ދެވިފައިވާ ހާއްސަ ކަމުންނެވެ. ހެނދުނުގެ ނާސްތާ ވެސް ނުނަގާ އަވަހަށް ދާން ޖެހުނީ އެއަޕޯޓަށް ދާން ލަސްވެދާނެތީއެވެ. އޭރު ފަހަރް އާއި ފަހަދް ވެސް ތިބީ ފުރަން ދިޔުމަށް ތައްޔާރުވެލައިގެންނެވެ.
"އިންޝާ ﷲ ދެން އަންނަ މަހަކު ރާއްޖެ ދެވޭތޯ ބަލާނަން.....އެންޑް ޔެސް.....ޔޫ އާ ބޯތް ވެލްކަމް ހިއަ އެނީޓައިމް...." އުރުޖުވާންގެ ގައިގާ ބައްދާލަމުން ޒެލްޑާ ބުނެލިއިރު އޭނާގެ އަޑުވެސް ކުރަކިވިއެވެ. ފަރަހް ރުޅިއާއި ފޫހިކަމުން ފުރިގައިވާ ގޮތަކަށް ލޯ އަޅައިލިއެވެ.
***
ހުޝަލް ގެ ތައްޔާރު ކުރަމުން ދިޔައީ ކެނާން އާއި މަދީނާ އަންނަވާއިރަށެވެ. މުޅި ގޭތެރެ ހިމޭންވެފައިވީ އިރު ނާޝިދުގެ މޫނު މަތީން ފެންނަމުން ދިޔައީ މާޔޫސް ކަމެވެ. މާޒިމް އަށް ތެދު ހާމަކުރާނީ ކިހިނަކުން ކަމެއް އަދި އެ ކަމާއި ކުރިމަތިލާނެ ގޮތެއް ނޭނގެއެވެ. އަދި އުރުޖުވާން ގެ މަތީން ހަނދާން ވެފައި އޭނާގެ ހިތް އިތުރަށް ބިރުގަތެވެ.
" ކެނާން އާއި މަދީނާ ވެސް އެ އަންނީ މިކޮޅަށް މާޒް ކައިރީ ނުބުނެ....." ތަނުގެ ހަމަހިމޭންކަން ފިލުވައިލީ ހުޝަލްއެވެ.
" އުރުޖުވާން....އެއީ ނާވިޔާގެ ދަރިޔެއް...." އިތުރު ސިއްރުތަކެއް އެ ހިތު ތެރޭގައި ނުބެހެއްޓުނެވެ. ހުޝަލް ގެ މޫނު މަތީން ހައިރާން ކަމެއް ނުފެނުނީ އެއީ މާކުރީގައިވެސް މާޒިމް އާއި އެވާހަކަ ދެއްކިފައިވިތީއެވެ. ހުޝަލް އަށް އެއްޗެއް ނުބުނެވެނީސް ނަބީލާ ގެ އަޑު އެންމެންގެ ކަންފަތުގައި ޖެހުނެވެ. ކޮޓަރީގެ ދޮރު ހުޅުވާފައި ހުރުމުން ސިޓިންގރޫމް ގައި ތިބޭއިރު އަޑު ސާފުވެއެވެ.
" ކިޔައިނުދޭނަންތަ.....މަރާލިގޮތެއް؟" ނަބިލާ ގެ އަޑުގައިވީ ޖެއްސުމެވެ. އަދި ނުލަފާ ގޮތަކަށް ހިނިގަނޑެއް ޖަހައިލިއެވެ. ލޯ ހުޅުވާނެ ވަރެއް ނެތަސް އޭނާ ވާހަކަ ދެއްކީ އަޑުހަރުކޮށެވެ. ހުޝަލް އަށް ހިންދިރުވާލަން ވެސް ނުކެރިފައި ހުރެ ނާޝިދުގެ މޫނަށް ބަލައިލެވުނެވެ. އެ މޫނު މަތިން ކުށްވެރިކަން ފެނުނެވެ.
" ބައްޕާ....." ހުޝަލް ހުރީ ނާޝިދު ހާމަ ކުރާން އުޅޭ ވާހަކަ އާއި މެދު ބިރުގެންފައެވެ.
" ﷲ ގަންދި ބުނަން ބައްޕަ އަކަށް ނޭނގޭ ވީ ގޮތެއް...ހަމަ ހޭވި އިރު ނާވިޔާ ގެ ޖަނާޒާ...." ނާޝިދު އިސްޖަހާލައިގެން ހުރެ ވާހަކަ ދެއްކިއެވެ. ހުޝަލް ހުރީ އިތުރު ތަފްސީލަކަށް ބޭނުންވެފައެވެ.
" ހަމަ ހޭގަ އެއް ނޫން ހުރީ.....ޓެރެސް އިން ވެއްޓުނީ ކިހިނެއް ކަމެއް ބައްޕަ އަކަށް ނޭނގޭ...." ނާޝިދުގެ އަޑު މަޑުވިއެވެ.
" ނާވިޔާ މަރާލީ ކަލޭ.....ކޮށްޕާލީ ނޫންތަ...ކަރުގަ ހިފާ...." ނަބީލާ ގެ އަޑު ގުގުމާލިއެވެ. ބަރު ބިރުވެރި އަޑެކެވެ. ހުޝަލް ގަނޑުވިއެވެ. ލޮލުން ކަރުނަތިއްކެއް ކޯތާފަތް މައްޗަށް ފޭބިއެވެ. ނާޝިދު އޭނާގެ މޫނުގައި އަތް އަޅައި ނިވާ ކުރިއެވެ.
***
ފްލައިޓަށް އަރައި ހަމަޖެހިލި މާޒިމް ގެ ހިތް ނުތަނަވަސްކުރުވީ ކެނާން އާއި މަދީނާ ގެ ހަބަރެއް ނުވާތީއެވެ. ހުޝަލް ގެ ވެސް ހަބަރެއް ނުވާތާ ދުވަސްތަކެއް ވެއްޖެއެވެ.
" އޯލް އޯކޭ؟..." އުރުޖުވާން އަހައިލިއެވެ.
" މަދިނާ ގެ ހަބަރެއްވިތަ؟....އެކަކު ވެސް ރިޕްލައި އެއްނުކުރޭ...ނޭނގޭ، ހީވަނީ ކަމެއް ގޯސް ވެއްޖެހެން...." މާޒިމް ކަންބޮޑުވުން ފާޅުކުރިއެވެ. މަދީނާ ގެ ޚަބަރެއް ނުވާތީ އުރުޖުވާން ވެސް ހުރީ ދެރަވެފައެވެ. ހީކުރެވުނީ އަނެއްކާ އޭނާ އަށް ކަމެއް ގޯސް ކޮށް ކުރެވުނީ ކަމަށެވެ.
" އަބަދު ކޮންހާ ވާހަކަ އެއްތަ އެ ދެމީހުން ދައްކަނީ...ހާދަ ފޫއްސެއް ވެޔޭ.....މޭ ނުބައި ކުރޭ އެބަ..." ފަރަހް ގެ ހަސަދަ ވެރި ބެލުން ހުރީ އުރުޖުވާންއަށް ހުއްޓިފައެވެ. އެސީޓު ބަރީގައި ތިބިއިރު ހުރިހާ މަންޒަރެއް ރީއްޗަށް ފެންނަމުން ދިޔައެވެ.
ދިގު ފްލައިޓުގެ ނިމުން އައި އިރުވެސް މާޒިމް ގެ ލޮލަށް ނިންޖެއް ނައެވެ. އަވަހަށް ބޭނުންވީ ކެނާން އާއި މަދީނާ ދެކިލުމަށެވެ. ފްލައިޓު ޖެއްސި ވަގުތަކީ ރާއްޖެ ގަޑިން ދަންވަރުގެ ވަގުތު ކަމުން އެއަޕޯޓު ތެރޭގައިވެސް މީހުން މަދެވެ. ދިގު ދަތުރެއްކަމުން ފަރަހް އަށް ވަރަށް ހޮޑުލެވުނެވެ. އެހާ ބަލިވެފައި ވުމުން އޭނާއަށް އެހެން ކަމަކަށް ސަމާލުކަން ދިނުމުގެ ރޫހެއް މިއަދަކު ނެތެވެ.
"ޓޭކް ކެއަ....." އުރުޖުވާން ފަރަހް އަށް އަށް އަލްވަދާއު ކިޔައިލީ ކަންބޮޑުކަމާއެކުއެވެ. ފަރަހް ބަނޑުބޮޑުކަމުގެ ވާހަކަ ޒެލްޑާ ދެއްކި ހަނދާންވެފައި އުރުޖުވާން ބިރުވެސްގަތެވެ. އުރުޖުވާން އަށް ރައްދެއް ނުދިންތާ ފޫހި ގޮތަކަށް ލޯ އަޅައިލި ފަރަހް ހުރީ ވަރުބަލިވެފައެވެ.
" ސީ ޔޫ އެރައުންޑް.....ހަނީމޫން ކްރޭޝް ކުރެވުނީތީ އަދިވެސް ވަރަށް މާފް....އެކަމު ވަރަށް މަޖާ ދޯ...." ފަހަދް އެކުވެރިކަމާއެކު ވާހަކަ ދައްކައިލާ ދިޔައީ ފަރަހް ގޮވައިގެންނެވެ. މާޒިމް އަވަހަށް ސިމް ލައްވައިލާ ކެނާން އާއި މަދީނާ އަށް ގުޅުމުންވެސް ފޯނު އޮފް ވެފައި ކަމުގައި ބުނަމުން ދިޔައެވެ.
" އަންކަލް އަހްމަދް...." ދުރުން އަހަމަދު ހަނާ އަޅާތަން ފެނުނެވެ. އުރުޖުވާން ހައިރާންކަމާއެކު އަހްމަދަށް ލޯ ހިންގައިލިއެވެ. ވަރަށް ކުރީން ދެކެފައިވީހެން ހީވާ މޫނެކެވެ. ހަނދާން ކުރަން މަސައްކަތް ކުރެވުނެވެ.
" މާޒް....އުރު..ޖުވާން..." އަހްމަދުގެ ނިތުން ދާހިއްލައިފިއެވެ. އުރުޖުވާން ގެ ނަން ގަތީވެސް އުނދަގޫ ކަމާއެކުއެވެ.
" ކޮބާ ކެނާން އާއި މަދީނާ....ގުޅާ ގުޅާ ފޯނެއް ނުނަގާ....ކާރުގަ ދޯ ތިބީ..." މާޒިމް ދުރު ހޯދައިލާ ވާހަކަ ދައްކާލިއެވެ.
" ނޫން...އެ ދެބެއިން ދިޔައީ ލަންޑަނަށް...." ވަރަށް ފަރުވާތެރިކަމާއެކު އަހްމަދު ވާހަކަ ދެއްކިއެވެ. މާޒިމް އާއި އުރުޖުވާން ހައިރާން ކަމާއެކު އެކަކު އަނެކަކަށް ނަޒަރު ހިންގައިލެވުނެވެ.
" ބުނީ ސަޕްރައިޒް އެކޯ.....ކުޑަ ޓްރިޕް އެއް ނަގާލަންށޯ ބުނީ...އެދެން މައްސަލައެއް ނޫނެއްނު...މަދީނާ ޗުއްޓީ ހަދާލަން ނުދެވިގެން ކިޔާތީވެ.....މެހެކް ވެސް ވަރަށް ގުޅާފަ ބުނޭ މަދީނާ ގާތު އައުމަށް..." އަހްމަދު އޭނާގެ ވާހަކަ ހަމަޖައްސާލެވޭތޯ ބެލިއެވެ.
" ތީ ހާދަ ހެއްވާ އޭ....ބުނެލި ނަމަވެސް އޯކޭ ދޯ....ހުޝަލް އަށް ކަމެއްވީތަ؟އަންކަލް ދޮގު ނަހަދައި ބުނެބަލަ..." މާޒިމް ހުރީ ގަބޫލުކުރަން ދަތިވެފައެވެ. އުރުޖުވާން ގެ ސިކުނޑީގައިވެސް ވީ ސުވާލު މާކުތަކެވެ.
***
ފްލައިޓުގައި ދަތުރު ކުރި އެންމެންގެ ހަޅޭކުގެ އަޑާއި އެކު ކެނާން ދިޔައީ ސޫރަތުލް ބަޤަރާ ކިޔަވަމުންނެވެ. މަދީނާ ހިފަހައްޓާލެވެނީ ހަމަ ކިރިޔާއެވެ. އަމާން ކަމާއި އެކު މަންޒިލަށް ދެވެނޭ ކަމުގެ އުންމީދެއްނެތެވެ.
" މަރު.....މި ހިނދުން ތި ގުނާލެވެނީ ކޮންމެވެސް މިހެއްގެ މަރު..." ކެނާން ގެ ކަންފަތަށް އަޑު އިވުނެވެ. ކިޔެވުން އެއް ހަމައެއްގައި ހިފަހައްޓާލެވެނީ ކިހިނެއް ކަމެއްވެސް ކެނާން އަށް ނޭނގެއެވެ. އެ ދަތުރުގެ ނިމުން އަންނާނެ ގޮތެއް ނޭނގުނަސް ބޭނުންވީ މަދީނާ ސަލާމަތް ކުރުމަށެވެ. ދުލުން ބޭރުކުރެވޭ އެންމެ ހެޔޮ ބަހަކީ ޤުރުޢާން ކަމުގައި ވުން ވެސް އެ އަޒުމް ވަރުގަދަ ކުރުވިއެވެ. ވަރަށް ބާރު އަޑާއި އެކު ފްލައިޓު ޖެއްސި އަޑު ކިޔެވެ. ކުރިމަތީ ސީޓުގައި ބާރަށް ޖެހުނެވެ. މީހުންގެ އަޑު ކެނޑި ހިމޭންކަންވެރިވިއެވެ.
ކެނާން ގެ ލޯ ހުޅުވުނު އިރު އެންބިއުލާންސްތަކުގެ ގެ ސައިރެންގެ އަޑު ކިޔަމުންދިޔައެވެ. ގައި ކައިރީ އޮތް މަދީނާ އޮތީ ހޭނެތިފައެވެ. ފްލައިޓްގައި ތިބި މީހުންނަށް ފަރުވާ ދިނުމުގައި ޕަރެމެޑިކް މީހުން އަވަދިނެތި އުޅެއެވެ.ކެނާން އަށް ފުރަތަމަ ވެސް ހަމްދު ކުރެވުނީ ހެއްދެވި ފަރާތަށެވެ. ފްލައިޓް ޖެއްސުނީ ހަމަ ކިރިޔާއެވެ. ފްލައިޓް ދުއްވި ޕައިލެޓުން ވެސް ތިބީ ޝޮކެއްގައެވެ. އެ ދަތުރުގައި ކުރިމަތީ އާދަޔާ ޚިލާފު ކަމެއްކަމަށް އެމީހުންވެސް ބުނަމުން ދިޔައެވެ.
"ކިހިނެއްވީ....ޑިޑް ވީ ކްރޭޝް؟" މަދީނާ އާފުރުވަމުން ހޭލިއެވެ. އޭނަ ވަށައިގެން ބަލައިލީ މަޖާވެލާފައެވެ. ވާހަކަ ހުރިގޮތުން އެއްވެސް ކަމެއް އޭނަގެ ހަނދާނުގައި ނެތްކަން އެނގުނެވެ. ލަންޑަނަށް ހަވީރުވިޔަސް ދުވަހަކީ ވިއްސާރަ ދުވަހެއްކަމުން މުޅި ތަނަށް ވެރިވެފައިވި ބަނަ ކަމާއި ފުސް ކަމެވެ.
" އައި ތިންކް އައި ހޭވް ސަމް ސުޕާ ޕަވާ....މިފަދަ ބޮޑު ޓާބިއުލެންސް ގަވެސް އެހާ ގަދަ ނިދީގައި އޮވެވުނީތީ ހަމަ ހައިރާންވޭ..." މަދީނާ ހައިރާންވެފައި ބުނެލިއެވެ. ކެނާން ގެ ބަސްމަދެވެ. މަދީނާގެ ހަނދާނުގައި އެކަން ނެތުމަކީ ވެސް ހިތްހަމަޖެހުމެކެވެ. ނަމަވެސް މިއަދު އެ ދިމާވި ހާދިސާގައި އެންމެ ފުރާނައެއް ގެއްލުނު ނަމަވެސް އޭނާގެ އަމިއްލަ ނަފްސަށް މާފްނުކުރެވޭނެއެވެ. އެއީ އޭނާގެ ކޮންޓްރޯލުގައި ނެތް ކަމަކަށް ވިޔަސްމެއެވެ. މަދީނާ އާއި މެދު ކަންބޮޑުވެފައި ލޮލުގައި ކަރުނަ ގިނަވެގަތެވެ.
" ކުޑަބެ.....އޯކޭތަ؟....އަނެއްކާ ބްރެއިން ޑެމޭޖް ވެފަތަ؟" އެއަޕޯޓުން ނިކުންނަމުން މަދީނާ މަޖާވެލިއެވެ. އަދި ކެނާން އަތުގައި ކޮށްޓާލިއެވެ. ކެނާން އަށް މަދީނާ އޭނާގެ ގައިގާ އަތްލުމުން އުނދަގު ވެފައި ކަހަލަ ގޮތަކަށް އަތް ފޮޅާލެވުނެވެ. އެކަމާ ދެރަވާން ސިކުންތެއްވެސް ނުނެގިއެވެ.
"ސޮރީ.....ވަރަށް ސްކޭރީ ޓްރިޕެއް ވީމަ..." ކެނާން މާފަށް އެދުނު ކަމެއްވެސް މަދީނާ އަކަށް ހިލަން ނުވީ ސަމާލުކަން އެހެން މީހަކަށް ހުރުމުންނެވެ. ދުރުން ފެންނަމުން ދިޔައީ ކަޅު ބުޅި އިސްތަށިގަނޑެއްގެ ވެރި ދިގު ޒުވާނެކެވެ. މޫނު މަތީން ދަންނަ ފާޑު ޖަހައެވެ. ރޫފަ ހެޔޮވަރު ވެފައި ކަސްރަތީ ހަށިގަނޑެކެވެ.
" ފެޓްސޯ މީކޯ...." މަދީނާ އަށް ބުނެލެވުނީ ހައިރާންކަމާއެކުއެވެ. ކުޑަ އިރުގެ ހަނދާންތައް ސިކުނޑީގައި ކުޅެލިއެވެ. މީކާއީލް އާއި މެހެކް ތިބީ އެމީހުން ބަލައި އެއަޕޯޓަށް އައިސްފައެވެ.
ނުނިމޭ