17 Jun 2012, 21:51
ކާބުލް (ޖޫން 17): އަފްޣާނިސްތާނުގެ މައްސަލައިގެ ތެރެއަށް އިންޑިޔާ ވެއްދުމަށް އެމެރިކާ ކުރި މަސަައްކަތްތަކަށް އިންޑިޔާ ދެކޮޅުހެދުމުން އަފްޣާނިސްތާނުގެ އިދިކޮޅު ތާލިބާން ޖަމާއަތުން އެކަމަށް މަރްޙަބާ ކިޔައިފި އެވެ.
ތާލިބާނުންގެ ވެބްސައިޓްގައި އެ ޖަމާއަތުން ޝާއިޢުކޮށްފައިވާ ބަޔާނެއްގައި، އިންޑިޔާގެ މިނިންމުން ސިފަކޮށްފައި ވަނީ ދުރުވިސްނޭ ބުއްދިވެރި ނިންމުމެއްގެ ގޮތުގަ އެވެ. އެމެރިކާގެ ދިފާޢީ ވަޒީރު ލިޔޮން ޕެނެޓާ މިމޭ މަހު އިންޑިޔާ އަށް ކުރެއްވި ދަތުރުފުޅުގައި އަފްޣާނިސްތާނުގެ މައްސަލައިގެ ތެރެއަށް އިންޑިޔާ ވަނުމުގެ މުހިއްމުކަން އިންޑިޔާގެ މަސްއޫލުވެރިންނަށް ވިސްނައިދެއްވުމަށް މަސައްކަތްތަކެއް ކުރެއްވި ކަމަށާއި ނަމަވެސް މިކަމުގައި ޕެނެޓާ ފޭލްވެވަޑައިގެންފައިވާ ކަމަށް އިންޑިޔާގައި ޝާއިޢުކުރެވުނު ރިޕޯޓްތަކެއް ބުނެފައިވެ އެވެ.
ތާލިބާނުން ވެސް ވަނީ އަފްޣާން މައްސަލައިގެ ތެރެއަށް އިންޑިޔާ ވެއްދުމަށް ޕެނެޓާ ނާކާމިޔާބު މަސައްކަތްތަކެއް ކުރެއްވިކަން ބަޔާންކޮށްފަ އެވެ. މިމައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ތާލިބާނުންގެ ތަރްޖަމާން ޒަބީޙުﷲ މުޖާހިދު ވިދާޅުވީ އަފްޣާނިސްތާނުގެ މައްސަލައިގެ ތެރެއަށް އިންޑިޔާ ވަނުމުގެ މުހިއްމުކަން އިންޑިޔާގެ މަސްއޫލުވެރިންނަށް ވިސްނައިދެއްވުމަށް ޕެނެޓާ ތިން ދުވަހު ނިއުދިއްލީގައި ބުރަމަސައްކަތްތަކެއް ކުރެއްވި ކަމަށާއި ނަމަވެސް އެ މަސައްކަތްތަކުގައި ޕެނެޓާ ނާކާމިޔާބުވެފައިވާ ކަމުގަ އެވެ.
ޕެނެޓާގެ މަސައްކަތްތަކުގެ ބޭނުމަކީ އަފްޣާނިސްތާނުން އެމެރިކާ ފިލައިގެން ދެވޭނެ ފުރްސަަތުތަކެއް ހޯދުން ކަމަށާއި ނަމަވެސް އެ މައްސަލާގައި ޕެނެޓާ ދެއްކެވި ވާހަކަތަކަށް އިންޑިޔާގެ މަސްއޫލުވެރިން ދެއްވާފައި ވަނީ ބީރުކަންފަތެއް ކަމަށް ތާލިބާނުންގެ ތަރްޖަމާން ވިދާޅުވި އެވެ. އިންޑިޔާއަކީ ތާލިބާނުންނާ އިދިކޮޅު ޤައުމެކެވެ. ނަމަވެސް އެމެރިކާ އިން އަފްޣާނިސްތާނުގައި ހިންގާ ތަޅާފޮޅުމާއި ހަނގުރާމައިގެ ޢަމަލުތަކުގައި އިންޑިޔާ ބައިވެރިވެފައެއްނުވެ އެވެ.
އަފްޣާން މައްސަލައިގެ ތެރެއަށް އިންޑިޔާ ނުވަންނަނީ އެކަމުގެ ސަބަބުން އިންޑިޔާގެ އަމްނާއި ސަލާމަތަށް ނުރައްކާވުމުގެ ފުރްސަތު ބޮޑުވުުމުން ކަމަށާއި މިސަބަބުތަކަށް ޓަކައި އިންޑިޔާ އިން އަފްޣާނިސްތާނުގައި އަދާކުރަނީ ތަރައްޤީގެ ކަންތައްތަކުގައި މާލީގޮތުންނާއި ފަންނީ ގޮތުން އަފްޣާން ސަރުކާރަށް އެހީތެރިވުމުގެ ދައުރެއްކަމަށް ރިޕޯޓްތައް ބުނެ އެވެ. (އަލްޖަޒީރާ)