11:15


ސަރުކާރު ހިއްސާވާ ކުންފުނިތައް ބަނގުރޫޓުވަމުންދާ ކަމަށާއި އެކަން ވެފައި ވަނީ ރައީސް މުހައްމަދު ނަޝީދު އިހުމާލުވެވަޑައިގަތުމުގެ ސަބަބުން ކަމަށް ދިވެހި ގައުމީ ޕާޓީން ބުނެފި އެވެ.


ގައުމީ ޕާޓީން އިއްޔެ އާންމުކުރި ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު އައުމާ ހަމައިން ސަރުކާރު ހިއްސާވާ މުހިންމު ކުންފުނިތައް އިތުރަށް ތަރައްޤީކޮށް ގައުމުގެ އިގްތިސާދު ފުޅާކުރުމަށް މަސައްކަތްކުރާނެ ކަމުގެ ފޮނިހުވަފެންތައް ރައްޔިތުން ދުށްކަމަށެވެ. ހާއްސަކޮށް 1980 ވަނަ އަހަރު ވުޖޫދަށް އައި ސަރުކާރުގެ 52.5 ޕަސެންޓް ޙިއްސާވާ އެމްޓީސީސީ އާމެދު ވަރަށް ބޮޑު އުންމީދުތައް ކުރި ކަމަށެވެ.


އެ ޕާޓީގެ ރަސްމީ ވެބްސައިޓްގައި އާންމު ކުރި ނޫސް ބަޔާނުގައި ބުނަނީ އެކަން އެހެން އޮތް ނަމަވެސް ރައީ ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ފަހު އަވަސްވެގަތީ ސިޔާސީ މަގާތަކަށް އެ މަނިކުފާނުގެ އައުވާނުންތައް ހަމަޖެއްސުމަށް ކަމަށާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ނަފާ މުހައްމަދު ނަސީމު ލެއްވުމަށް ފަހު ސަރުކާރަށް ކަމުދާ ބޭފުޅަކަށް ވެވަޑައި ނުގަތުމުން އޭނާ އެ މަގާމުން ވަކިކުރެއްވީ ކަމަށެވެ.


ނަފާ މުހައްމަދު ނަސީމް އެމްޓީސީސީގެ ވަޒީފާއިން ވަކިކުރެއްވީ މިދިޔަ ޖެނުއަރީ މަހު އެވެ. އެ ތާރީހުން ފެށިގެން މިހާތަނަށް އެމްޓީސީސީގައި މެނޭޖިންޑިރެކްޓަރަކު ނެތެވެ.


ގައުމީ ޕާޓީން ބުނަނީ އެމްޓީސީސީ ވަގުތީ ގޮތުން ހިންގުން ހަވާލުކުރައްވާފައި ވަނީ ރައީސް ނަޝީދުގެ ގާތްބޭފުޅެއްކަމުގައިވާ މުޙަންމަދު ޝަފީޤު (ކުރަހާ ސައްޕޭ) އާ ކަމަށާއި ރައްޔިތުންގެ އެތައް ބަޔެއްގެ ޙައްޤުތައް  ހިމެނޭ ބޮޑު ކުންފުންނެއް ހިންގުން ވަގުތީ ގޮތުން ބޭފުޅަކާ ހަވާލުކޮށްފައި އޮންނަ އޮތުމަކީ ރައްޔިތުންނާ ގުޅުން ހުންނަ ކަންކަމަށް ސަރުކާރުން ސަމާލުކަން ނުދޭ މިންވަރު ހާމަވެގެންދާ ކަމެއް ކަމަށެވެ.


ގައުމީ ޕާޓީގެ ނޫސް ބަޔާނުގައި ބުނަނީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކުންފުނި މި ހާރު ދަތުރުކު ކުރަނީ ހުންގާނު ނެތް ދޯންންޏެއް ފަދައިން ކަމަށެވެ. މީގެ އިތުރުން އިގްތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުނިތަކާ މެދު ސަރުކާރުން މިހާރަށް ވުރެ ހަރުދަނާ އުސޫލަކުން ކަންކަން  ކުރުމަށް ވެސް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.


ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރު މިއަދު ވިދާޅުވީ ގައުމީ ޕާޓީގެ ނޫސްބަޔާނަކީ އެންމެ ކުންފުންޏަކަށް ބަލާލާފައިވާ ބަޔާނެއް ކަމަށާއި ސަރުކާރުގެ ފައިދާވާ ވިޔަފާރި ކުންފުނިތައް ބައިވަރު ކަމަށެވެ. އޭގެ ތެރޭގައި އެސްޓީއޯ އާއި ސްޓެލްކޯ ހިމޭނޭ ކަމަށް އޭނާ ވިދާޅުވި އެވެ.