ބޮލީވުޑްގެ އެންމެ އުއްމީދީ ބަތަލާއިންގެ ތެރޭގައި ހިމެނޭ ތަރި ކްރިތީ ސެނޮން ފިލްމު ޕްރޮޑިއުސްކުރުމުގެ ދާއިރާއިން ކުރިޔަށްދާން ބޭނުންވީ ވީހާވެސް ބޮޑަށް ފިލްމީ މަސައްކަތްތަކުގެތެރޭގައި އުޅެން ބޭނުންވާތީ ކަމަށް ބުނެފިއެވެ.

އިންޑިއާގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ކްރިތީ ބުނެފައި ވަނީ، ވަކި މުއްދަތެއް ވަންދެން ފިލްމީ ދާއިރާގައި އެކްޓަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމަށްފަހު އެ ދާއިރާގެ މަސައްކަތްތައް އިތުރަށް ދަސްކުރުމުގެ ޝައުގު ވަރަށް ބޮޑަށް އުފެދުނު ކަމަށެވެ. އެހެންވެ ފިލްމެއް ސިނަމާއަށް ގެނައުމަށް ކަޑައްތުކުރާ ހުރިހާ މަރުހަލާއެއް ތަޖުރިބާކުރަން އޭނާ ބޭނުންވި ކަމަށް އިންޓަވިއުގައި ވަނީ ބުނެފައެވެ.

އެހެންވެ އެކަމަށް ފުރުސަތު ފަހިވާން އޮތީ ޕްރޮޑަކްޝަން ދާއިރާއިން ކުރިޔަށް ގޮސްގެން ކަމަށާއި އަމިއްލަ ފިލްމު ކުންފުންޏެއްގެ ހިޔާލު އައީ އެހިސާބުން ކަމަށް ކްރިތީ ބުނެފައިވެއެވެ.

ކްރިތީ ފިލްމު "ދޯ ޕައްޓީ"ގެ ކްރޫއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
ދާދިފަހުން ފިލްމު "ކްރޫ"އިން ފެނުނު ބަތަލާ ބުނެފައި ވަނީ މިހާތަނަށް ވަރަށް ތަފާތު ރޯލްތައް ކުޅުމުގެ ފުރުސަތު ލިބިއްޖެ ކަމަށާއި ކުރިމަގުގައި ބޭނުންވަނީ، ކެރިއަރުގައި ތަޖުރިބާކޮށްފައި ނުވާ ތަފާތު ރޯލެއް ކުޅެން ކަމަށެވެ. ފިލްމީ ދާއިރާގައި ވަކި މުއްދަތެއް ކަޑައްތު ކުރުމަށްފަހު ކެރިއަރުގައި މިވެނި ވައްތަރެއްގެ ރޯލެއް ނުކުޅެމޭ ބުނުމުގެ ފުރުސަތު އެއްވެސް ގޮތަކަށް އަމިއްލަ ނަފުސަށް ދޭން ބޭނުން ނުވާ ކަމަށް ކްރިތީ ވަނީ ބުނެފައެވެ.

ހަމައެއާއެކު މިހާތަނަށް ނުކުޅޭ ކެރެކްޓައެއް ނޯންނާނެ ކަމަށް ފަހުން ވެސް އެހެން މީހުން ގާތު ބުނެލަން ބޭނުންވާ ކަމަށާއި އެކަން ކުރެވޭނީ ވީހާވެސް ތަފާތު ރޯލްތައް ކުޅެގެން ކަމަށް، ގައުމީ އެވޯޑު ހޯދާފައިވާ ބަތަލާ ވަނީ ބުނެފައެވެ.

މި އަހަރު ފިލްމު "ތޭރީ ބާތޯމެ އެސާ އުލްޖާ ޖިޔާ"އިން ފެނުނު ބަތަލާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަމިއްލަ ފިލްމު ކުންފުނިން ގެނެސްދޭ ފިލްމު "ދޯ ޕައްޓީ"އިންނެވެ.

ކްރިތީ ޕްރޮޑިއުސަރެއްގެ ރޯލް ވެސް އަދާކުރާ މި ފިލްމުން ބަތަލާއާއެކު ދެން ފެންނާނީ ތަޖުރިބާކާރު ބަތަލާ ކާޖޮލްއެވެ. ރިލީޒް ކުރާނެ ވަކި ތާރީޚެއް އަދި އިއުލާނު ނުކުރާ މި ފިލްމު މި އަހަރުތެރޭ ނެޓްފްލިކްސްއިން ޕްރިމިއާ ކުރާނެކަން ވަނީ އިއުލާނުކޮށްފައެވެ.