މިދިޔަ އަހަރު ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ޖަވާން"ގެ ޑައިރެކްޓަރު އެޓުލީ ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާންއާއެކު ފިލްމެއް އުފައްދަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފިލްމު "ޖަވާން"އަށް ފަހު ޑައިރެކްޓަރު އެޓުލީގެ ދެވަނަ ފިލްމު އުފައްދަން ނިންމީ ތެލުގޫ އެކްޓަރު އައްލޫ އަރުޖުންއާ އެކުއެވެ. އެހެންނަމަވެސް އައްލޫ އަރުޖުން އާއި އެޓުލީގެ މެދުގައި ކުރެވުނު މަޝްވަރާތަކުގައި އެއްބަސްވުމަކަށް ނާދެވި ފިލްމުގެ މަސައްކަތްތައް ހުއްޓުމުކަށް އައިސް ގިނަ ދުވަސްވާން ފެށުމުން އެޓުލީ ބޭނުންވީ އެހެން ތަރިއަކާއެކު ފިލްމު ކުރިޔަށް ގެންދިއުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސަލްމާން ޚާން އެޓުލީގެ ފިލްމަށް ގެންނަން ނިންމިކަން ރަސްމީކޮށް އިއުލާނު ނުކުރި ނަމަވެސް އެޓުލީގެ ޓީމުން ސަލްމާނާއެކު ފިލްމާ ގުޅުންހުރި މަޝްވަރާތައް ކުރާ ކަމަށް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

އައްލޫ އަރުޖުން އަކީ ތެލުގޫ ސިނަމާގެ މިވަގުތު ހުރި އެންމެ އަގުބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ ފިލްމީ ތަރިއެކެވެ. އެހެންކަމާއެކު އެޓުލީގެ ހުށަހެޅުމާ މެދު އެއްބަސްވުމަކަށް ނާދެވުނީ ވެސް މި ސަބަބާހުރެ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު ތަރިންގެ ތެރޭގައި ހިމެނޭ ސަލްމާން ޚާނަކީ ވެސް ވަރަށް ބޮޑު އަގުގައި ފިލްމު ކުޅެދޭ ތަރިއެއް ކަމުން އެޓުލީގެ ހުށަހެޅުމަށް ސަލްމާން ޚާން ވެސް އެއްބަސްވާނީ ބޮޑު އަގެއް ކިޔުމަށްފަހު ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުގައި ވަނީ ބުނެފައެވެ.

މި ފިލްމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށަން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ސަލްމާން ޚާން ވަނީ ދާދިފަހުން ސޮއިކުރި ސާޖިދު ނަދިއަދުވާލާގެ ފިލްމު "ސިކަންދަރު"ގެ މަސައްކަތް ފަށާފައެވެ. މި ފިލްމު ސިނާމަތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ފިޠުރު ޢީދާ ދިމާކޮށެވެ.