20 Jun 2024, 08:58
އިންޑިއާގެ އެންމެ މަގުބޫލު ލަވަކިޔުންތެރިންގެ ތެރޭ ހިމެނޭ އަލްކާ ޔަގްނިކްއަށް ވަރަށް މަދުން ނޫނީ ނުފެންނަ، އަޑު އިވުމުގެ މައްސަލައެއް ޖެހިފައިވާ ކަމަށް އަލްކާ ބުނެފިއެވެ.
އަލްކާ ވަނީ މި ބަލި ޖެހިފައިވާކަން އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް އާއްމުންނާ ހިއްސާކޮށްފައެވެ. އަލްކާގެ ޕޯސްޓުގައި ބުނެފައިވާ ގޮތުން ލަވަކިޔުންތެރިޔާއަށް ދިމާވެފައި ވަނީ ސެންސަރީ ނިއުރޯން ޑިސްއޯޑާ (އެސްއެންޑީ)އެވެ.
އަލްކާއަށް ބަލި ޖެހިފައިވާކަން އެނގުނީ މީގެ ދުވަސްކޮޅެއް ކުރިން މަތިންދާބޯޓެއްގައި ކުރި ދަތުރަކަށްފަހު ބޯޓުން ފޭބުމަށްފަހު އޭނާގެ ކަންފަތަށް އެއްވެސް ވަރަކަށް އަޑު ނީވޭކަން ފާހަގަވެ، އެކަމާ ބެހޭ ސިއްހީ މާހިރަކަށް ދެއްކުމުން ކަމަށް މި ޕޯސްޓުގައި ވަނީ ބުނެފައެވެ.

ލަވަކިޔުންތެރިޔާ އަލްކާ ޔަގްނިކް--ފޮޓޯ/ބޮލީވުޑްހަންގާމާ
މި ބައްޔަށް ފަރުވާ ހޯދުމުގެ މަރުހަލާ މިހާރު ފެށިފައިވުމާއެކު ކުރިޔަށް އޮތް ތަނުގައި އަލްކާ ލަވަކިޔުމުގެ ދާއިރާއިން ނުފެންނާނެ ކަމަށާއި އެނބުރި ލަވަކިޔުމުގެ ދާއިރާއަށް ނުކުންނާނީ ސިއްހީ މާހިރުންގެ ލަފައާއި އިރުޝާދުގެ ދަށުން ކަމަށް ރީތި ހިތްގައިމު ލަވަތަކެއް ކިޔައިދީފައިވާ އަލްކާ ވަނީ ބުނެފައެވެ.
މި ދަނޑިވަޅުގައި ހުރިހާ އެންމެންގެ ހެޔޮ ދުއާ ބޭނުންވާ ކަމަށާއި މާ އަޑުގަދަ މާޙައުލުގައި ނޫޅުމަށާއި ހެޑްފޯން ފަދަ ބާރަށް ލަވަޖެހުމުގެ އާދައާ ދުރުވުމަށް އަލްކާ ވަނީ ހުރިހާ އެންމެންނަށްވެސް އިރުޝާދު ދީފައެވެ.
އަލްކާއަށް ޖެހުނު ބަލިން އަރައިގަތުމަށްފަހު މި ބަލީގައި އޭނާއަށް ކުރެވޭ ތަޖުރިބާތައް ކޮންމެވެސް ދުވަހަކުން އާއްމުންނާ ހިއްސާކުރާނެ ކަމަށާއި އެ ދުވަހަކަށް ވަރަށް ބޮޑަށް އިންތިޒާރު ކުރެވޭކަމަށް ކާމިޔާބު ލަވަކިޔުންތެރިޔާ ވަނީ ބުނެފައެވެ.
އަލްކާއަށް މި ބަލި ޖެހިފައިވާކަން އިއުލާނު ކުރުމާއެކު ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވަނީ ލަވަކިޔުންތެރިޔާއަށް ހެޔޮ އެދި މެސެޖުތައް ފޮނުވާފައެވެ. އޭގެތެރޭގައި ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް އަދި ކުމާރު ޝާނޫ އަދި ޝަންކަރު މަހާދެވަން ހިމެނެއެވެ.