17 Jun 2012, 21:22
ޖުމުހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ކުރިމަތިލެއްވި މޫސާ ރަމީޒުގެ ނަން އޭނާ އަނބުރާ ގެންދަވައިފި އެވެ.
ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމަށް މިއަދުގެ ތާރީހުގައި މޫސާ ރަމީޒު ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ މިވަގުތަށް އެންމެ ފައިދާ ހުރި ގޮތަކީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް އޭނާ ވާދަކުރެއްވުމުގެ ބަދަލުގައި ނަން އަނބުރާ ގެންދެވުން ކަމަށް ފެންނާތީ ނަން އަނބުރާ ގެންދެވީ ކަމަށެވެ.
"ޖުމުހޫރީ ޕާޓީގެ އަމީން އާންމު މަގާމަށް އަޅުގަނޑު ވާނީ ވާދަ ކޮށްފައި. އެހެންނަމަވެސް ޖުމުހޫރީ ޕާޓީއަށް މިވަގުތު އެންމެ ފައިދާ ހުރި ގޮތަކީ އަޅުގަނޑު ނަން އަނބުރާ ގެނައުން ކަމަށް ފެންނާތީވެ އަޅުގަނޑު[ މޫސާ ރަމީޒު] ނަން އަނބުރާ ގެނެސްފިން،" ސިޓީގައިވެ އެވެ.
މޫސަ ނަން އަނބުރާ ގެންދެވި އިރު މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އިންތިހާބު ކުރުމަށް ބޭއްވި ވޯޓު ވަނީ ހަމަހަމަވެފަ އެވެ. އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު، ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތި ލެއްވި ހަސަން ޝާހާއި މޫސައާ ދެ ބޭފުޅުންގެ ވޯޓު ވަނީ އެއްވަރުވެފަ އެވެ. އަދި ކޮންމެ ބޭފުޅަކަށް ވެސް ލިބިވަޑައިގަތީ 12ވޯޓެވެ.
ދެ ބޭފުޅުންނަށް ލިބިވަޑައިގަތް ވޯޓް ހަމަހަމަވުމުން ދެން ވޯޓު ލުން އޮންނާނެ އިރެއް އަންގާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.