19 Jun 2024, 15:28
ކުރީގެ ޕަބްލިކް ސޭފްޓީ މިނިސްޓަރު ސުމުއްވުލް އަމީރު އަބްދުލްހަންނާން ހަލީމް ދޮށިމޭނާ ކިލެގެފާނު އަވަހާރަވުމުން, އެ މަނިކުފާނުގެ އާއިލާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތައުޒިޔާ ފޮނުއްވައިފިއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަބްދުލްހަންނާން ހަލީމަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ 10 އަހަރު ޕަބްލިކް ސޭފްޓީ މިނިސްޓަރު ކަމުގެ މަގާމުގައި ދައުލަތަށް ޚިދުމަތްކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުކަމާއި އެނޫން އެތައް ޚިދުމަތްތަކެއް ވެސް ދިގު މުއްދަތެއްގައި ގައުމަށް ކޮށްދެއްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އަބްދުލްހަންނާން ހަލީމް އަވަހާރަވުމަކީ ގައުމަށް ލިބުނު ފުން ހިތާމައެއްގެ ގޮތުގައި ސިފަ ކުރައްވައިފައެެވެ.

ކުރީގެ ޕަބްލިކް ސޭފްޓީ މިނިސްޓަރު ސުމުއްވުލް އަމީރު އަބްދުލްހަންނާން ހަލީމް ދޮށިމޭނާ ކިލެގެފާނު: އެ މަނިކުފާނު އަވަހާރަވީ ޓްރީޓޮޕް ހޮސްޕިޓަލުގައި
މީގެ އިތުރުން ރައީސް ވަނީ އެ މަނިކުފާނުގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށާއި، ﷲގެ ރުއްސެވުމާއި ފުއްސެވުމުގައި އެ މަނިކުފާނުގެ ފުރާނަފުޅު ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތްދެއްވުން އެދި ދުޢާ ކުރައްވައިފައެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 87 އަހަރުފުޅުގެ އަބްދުލްހަންނާން ހަލީމް އަވަހާރަވީ މިއަދު ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.
އަބްދުލްހަންނާން ހަލީމަކީ، ދިވެހި ޖުމުހޫރިއްޔާގެ ފެށުނުއިރު 1968ގައި އެކުލަވާލި ކެބިނެޓުގެ މިނިސްޓަރުންގެ ތެރެއިން އެންމެ ފަހުން ދިރިހުންނެވި ބޭފުޅާއެވެ. އަދި އެއީ ސުމުއްވުލްއަމީރު ކިލެގެ ކަމަށް ކޮލިލެވުނު ބޭފުޅުންގެ ތެރެއިން މިހާތަނަށް ހުންނެވި ހަމައެކަނި ބޭފުޅާ ވެސްމެއެވެ.
އަބްދުލްހަންނާނު ހަލީމަކީ މަންމާފުޅާއި ބައްޕާފުޅުގެ ފަރާތްފުޅުން ސައްޔިދު ބޭފުޅެކެވެ. އެ މަނިކުފާނަކީ ހުރަވީ ރަސްދަރިކޮޅާއި ދިޔަމިގިލި ރަސްދަރިކޮޅާއި އެހެނިހެން ރަސްދަރިކޮޅުތަކާއި މަތީ ދަރިކޮޅުތަކުގެ ބޭފުޅެކެވެ.
އެ މަނިކުފާނުގެ ޖަނާޒާ އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު، ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.