ކުރީގެ ޕަބްލިކް ސޭފްޓީ މިނިސްޓަރު ސުމުއްވުލް އަމީރު އަބްދުލްހަންނާން ހަލީމް ދޮށިމޭނާ ކިލެގެފާނު އަވަހާރަވެއްޖެއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 87 އަހަރުފުޅުގެ އަބްދުލްހަންނާން ހަލީމް އަވަހާރަވީ މިއަދު ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.

އަބްދުލްހަންނާން ހަލީމަކީ، ދިވެހި ޖުމުހޫރިއްޔާގެ ފެށުނުއިރު 1968ގައި އެކުލަވާލި ކެބިނެޓުގެ މިނިސްޓަރުންގެ ތެރެއިން އެންމެ ފަހުން ދިރިހުންނެވި ބޭފުޅާއެވެ. އަދި އެއީ ސުމުއްވުލްއަމީރު ކިލެގެ ކަމަށް ކޮލިލެވުނު ބޭފުޅުންގެ ތެރެއިން މިހާތަނަށް ހުންނެވި ހަމައެކަނި ބޭފުޅާ ވެސްމެއެވެ.

އެ މަނިކުފާނަކީ މި ޖުމުހޫރިއްޔާ މީގެ 55 އަހަރުކުރިން ގާއިމުކުރި މަންޒަރު ދެކެވަޑައިގެންނެވި ބޭފުޅެއްކަމަށްވާއިރު، އަބްދުލްހަންނާން ހަލީމް ޕަބްލިކް ސޭފްޓީ މިނިސްޓަރުކަން ކުރެއްވީ މި ޖުމުހޫރިއްޔާ ފުރަތަމަ 10 އަހަރު 1968އިން 1978އަށެވެ.

މީގެ އިތުރުން އެ މަނިކުފާނު ވަނީ 1968 މި ޖުމުހޫރިއްޔާގެ
ފުރަތަމަ ރައްޔިތުންގެ މަޖިލިސްގެ މެންބަރުކަން ވެސް ކުރައްވައިފައެވެ.

އަބްދުލްހަންނާނު ހަލީމަކީ މަންމާފުޅާއި ބައްޕާފުޅުގެ ފަރާތްފުޅުން
ސައްޔިދު ބޭފުޅެކެވެ. އެ މަނިކުފާނަކީ ހުރަވީ ރަސްދަރިކޮޅާއި ދިޔަމިގިލި ރަސްދަރިކޮޅާއި އެހެނިހެން ރަސްދަރިކޮޅުތަކާއި މަތީ ދަރިކޮޅުތަކުގެ ބޭފުޅެކެވެ.

އެ މަނިކުފާނުގެ ޖަނާޒާ އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު، ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.