ގިނަ އަދަދެއްގެ މީހުން އަރުވައިގެން، ގަވައިދާ ޚިލާފަށް މާލެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރަމުންދިޔަ އުޅަނދެއް ހުއްޓުވައި، ޓޯކޮށްފިއެވެ.

ފުލުހުން ބުނީ ހުއްދަ ނެތި ގަވާއިދާ ޚިލާފަށް މީހުން އަރުވައިގެން މާލެއިން އެއާޕޯޓަށް މިއަދު ދަތުރުކުރި ވެހިކަލެއް ހުއްޓުވައި ޗެކްކުރިއިރު، އެ އުޅަނދަކީ ބީ ޒޯންގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދެއް ކަމަށެވެ.

ފުލުހުން ބުނީ ބީ ޒޯންގައި ރަޖިސްޓާ ކޮށްފައިވާ ވެހިކަލެއް އޭ ޒޯންގައި ދުއްވުމާއި، އުޅަނދުގެ އަހަރީ ފީ ހަމަވުމާ ގުޅިގެން އެ ވެހިކަލް ޓޯކޮށްފައިވާ ކަމަށެވެ.

ގަވާއިދާ ޚިލާފަށް މީހުން ބަރުކޮށްގެން ދިއުމާ ގުޅިގެން ފުލުހުން މިއަދު ޓޯކުރި ވެހިކަލް -- ފޮޓޯ/ ޕޮލިސް

މިދިޔަ ހޮނިހިރު ދުވަހު ވެސް ފުލުހުން ވަނީ ސިނަމާލެ ބްރިޖު މަތިން ގަވާއިދާ ޚިލާފަށް މީހުން ބަރުކޮށްގެން ދުއްވާފައިވިޔަ ދެ ވެހިކަލަކާމެދު ފިޔަވަޅު އަޅައިފައެވެ. އޭގެ ތެރެއިން އެއް ވެހިކަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެނގޮސްފައިވާއިރު، ދެ ވެހިކަލް ދުއްވި ޑްރައިވަރުންގެ ލައިސެންސް ވެސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮންސްޓްރަކްޝަން މަސައްކަތްކުރާ ބޭރުގެ އެތައް ބަޔަކު، ކުޑަކުޑަ ޕިކަޕެއްގެ ތެރެއިން ނުކުންނަ މަންޒަރު ފެންނަ ވީޑިއޯއެއް މި ދޭތެރެއިން ސޯޝަލް މީޑިއާގައި އާންމުވިއެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކުވަނީ ބިދޭސީ މަސައްކަތްތެރިންނާ މެދު އަމަލުކުރާ ގޮތާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

މާލޭ މަގުމަތީގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި އޮތް 163 އުޅަނދެއް މި މަހު ފުލުހުން ވަނީ ޓޯކޮށްފައެވެ. އެއީ މަގުމަތީގައި އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ޕާކުކޮށްފައި ހުރި ހަތަރު ފުރޮޅުލީ އުޅަނދުތައް ފުލުހުން ބުންޏެވެ.

މާލޭގައި ޕާކިން މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު، ރެޖިސްޓްރީކޮށްގެން ދުއްވާ ގާތްގަނޑަކަށް 80،000 ވެހިކަލް ދުއްވައެވެ. މާލޭގައި ވެހިކަލް ޕާކު ކުރާނެ ޖާގަ ނެތި ވެހިކަލްތަކަށް ފުލުހުން ފިޔަވަޅު އެޅުމަކީ އާންމުންގެ ކަންބޮޑުވުމެކެވެ.