ޓޫރިޒަމް ތަރައްގީކުރަން ދޫކޮށްފައިވާ ރަށްރަށާއި ބިންބިމުގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑުބައިގެ މަސައްކަތް ނިންމާފައި ހުރި ތަންތަން މުޅިން ނިންމައި ހުޅުވުމަށް 13 މަސް ދުވަހުގެ މުއްދަތެއް އިތުރަށް ދިނުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ، ޓްރޭނިންގް ރިޒޯޓް، ޓްރާންސިޓް ހޮޓާ އަދި ސިޓީ ހޮޓާ ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން މިހާތަނަށް ނުނިމި ހުރި ތަންތަނުގެ ތެރެއިން 2000 ވަނަ އަހަރުން ފެށިގެން ދޫކޮށްފައިވާ ތަންތަން ނިންމުމަމަށް 13 މަސްދުވަހުގެ މުހުލަތެއް ދިނުމަށް ނިންމި ކަމަށެވެ. އަދި އެ މުއްދަތު ދެވޭނީ 50 ޕަސެންޓް މަސައްކަތް ނިމިފައި ހުރި ތަންތަނަށް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ މިއަދުގެ ޖަލްސާ އިން ރާއްޖޭގެ ތިމާވެއްޓާ ބެހޭ ކަންކަން ކުރިޔަށް ގެންދަން ތިމާވެއްޓާ ބެހޭ ޤައުމީ ކައުންސިލެއް އުފެއްދެވުމަށް ވެސް ވަޒީރުން ނިންމެވި ކަމަށެވެ. އަދި އެ ކައުންސިލުގެ މަގުސަދަކަށް ވާނީ ރާއްޖޭގައި ތިމާވެށި، މިހާރުގެ ޖީލަށާއި އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކޮށް ދެމެހެއްޓުމަށާއި، ދިވެހިރާއްޖޭގެ ތިމާވެށީގެ ޙާލަތު ރަނގަޅު ކުރުމަށާއި ބައިނަލްއަޤްވާމީ މަސްރަހުގައި ފާހަގަކުރެވޭ ބޮޑެތި ކަންކަމުގައި ރާއްޖެ އަށް ފެންނަ ގޮތް ކަނޑައެޅުމުގަ އާއި ތިމާވެށީގެ ރޮނގުން ދެމެހެއްޓެނިވި ތަރައްޤީގެ އުޞޫލުތައް ރާއްޖޭގައި ހަރުދަނާ ކުރުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.