19 Jun 2024, 12:31
ރާއްޖޭގައި ވައްކަމުގެ މައްސަލަތައް ގިނަކަން ފާހަގަކުރައްވައި، މީގެ 10 މަސް ކުރިން 434 ގައިދީން ދޫކުރިކަމުގެ ކަންބޮޑުވުން ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ފާޅުކުރައްވައިފިއެވެ.
ރާއްޖޭގައި މި ފަހުން ވައްކަމާއި ފޭރުމުގެ މައްސަލަތައްދަނީ އިންތިހާއަށް އިތުރުވަމުންނެވެ.
މި ކަމާ ގުޅިގެން ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މީގެ 10 މަސް ކުރިން 434 ގައިދީން ދޫކޮށްލާފައިވާ ކަމަށެވެ. އަދި ގާނޫނު ތަންފީޒު ކުރުމުގެ ދާއިރާގައި ހިންގާ ޕްރޮޖެކްޓުތަކުގެ ފައިދާ އެކަށީގެންވާ ގޮތެއްގައި ނުކުރާކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ މުޖުތަމައު އޮތީ ނުރައްކަލެއްގެ ތެރޭގައި ކަމަށެވެ.
މީގެ ކުރިން ގާނޫނު ތަންފީޒު ކުރުމުގެ ދާއިރާގައި ރޭވުންތެރި ކަމެއްނެތި އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުތަކަށް ކޮށްފައިވާ އިންވެސްޓްމެންޓްތަކުގެ ސަބަބުން މި މައްސަލަ ހައްލު ހުކުރުމަށް ބޮޑެތި ދަތިތަކެއް ހުރި ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.
ވައްކަމާއި ފޭރުމުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތައް ވެސް ރާއްޖޭގައިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެ ގޮތުން ފިހާރަތަކާއި ކްލިނިކު ފަދަ ތަންތަން ފަޅާލައިގެން ވެސް ދަނީ ވައްކަން ކުރަމުންނެވެ.
އެ ގޮތުން ރޭ ދަންވަރު، މާފަންނުގައި ހުންނަ "ސޮރީ ބޯއިސް" ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލާފައިވާ މައްސަލަ 03:45ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ ފިހާރައިގެ ވެރި ފަރާތުން ބުނި ގޮތުގައި، ފިހާރައަށް ގެއްލުންދީ، 40،000 ރުފިޔާގެ މުދާ ވެސް ވަނީ ވަގަށް ނަގާފައެވެ.
ފުލުހުން ބުނީ ގެއްލުނު ތަކެތި މިހާރު ހޯދާފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ވައްކަމުގެ 1،680 މައްސަލައެއްގެ އިތުރުން ފޭރުމުގެ 235 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. ވައްކަމުގެ މައްސަލަތައް ގިނަވެފައިވާއިރު، މި ފަދަ މައްސަލަތައް ހުއްޓުވުމަށް ފުލުހުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.