އެމެރިކާގެ ގުދަންތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ހިމާޔަތް ކުރުމުގެ މަގްސަދުގައި އެކުލަވާލާފައިވާ އާ ގާނޫނަކާ ޚިލާފުވުމުން، އޮންލައިން ވިޔަފާރި ކުންފުނި އެމެޒޯން 5.9 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.

އެމެޒޯންގެ ގުދަންތަކުގައި މަސައްކަތް ކުރާ މީހުންނަށް ހުސް ވަގުތުކޮޅެއް ނުދީ، އެތައް އިރެއް ވަންދެން މަސައްކަތްކުރުވުމާއި ޝިފްޓު ގަޑީގައި ފާހާނާ ކުރަން ވެސް ހުއްދަ ނުދިނުމުގެ ޝަކުވާތައް މީގެ ކުރިން ފެންމަތިވެފައިވެއެވެ.

އެމެރިކާގެ "ވެއާހައުސް ކޯޓާ" ގާނޫނަކީ އެފަދަ އަސާސީ ހައްގުތަކުން މީހުން މަހުރޫމުކުރުން ހުއްޓުވުމަށް ހަދައިފައިވާ ގާނޫނެކެވެ.

އެމެޒޯންއާ ގުޅުންހުރި ޝަކުވާތަކާ ގުޅިގެން ކެލިފޯނިއާގެ ލޭބާ ރެގިއުލޭޓަރުން ކުރި ތަހުގީގަކުން އެނގިފައިވާ ގޮތުގައި ލޮސް އެންޖެލިސްގައި ހުންނަ އެ ކުންފުނީގެ ދެ ގުދަނަކުން 59،000އަށް ވުރެ ގިނަ މުވައްޒަފުންގެ ހައްގުތައް ހަނިކޮށް އެ ގާނޫނާ ޚިލާފުވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

ވެއާހައުސް ކޯޓާގެ ގާނޫނުބުނާ ގޮތުން ކުންފުނިތަކުން މުވައްޒަފުންގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި، ޒިންމާތައް ނުވަތަ މަސައްކަތް ކުރަންޖެހޭ މިންވަރު މުވައްޒަފުންނާއި ރެގިއުލޭޓަރުންނަށް ހާމަކުރަން ޖެހެއެވެ. އަދި ދައުލަތުން ލާޒިމްކޮށްފައިވާ ގޮތަށް، މަސައްކަތްތެރިންނަށް ކެއުމާއި އަރާމުކުރުމަށް ހުސްވަގުތު ދީ، ފާހާނާ ކުރަން ޖެހިއްޖެ ނަމަ ފާހާނާއަށް ދިޔުމުގެ ފުރުސަތު ފަހިކޮށްދޭން ޖެހެއެވެ.

އެމެޒޯންއިން ދިފާއުގައި ބުނެފައިވަނީ، އެ ކުންފުނިން ހަރުކަށި އަމުރުތަކެއް މުވައްޒަފުންނަށް ނުކުރާ ކަމަށާއި ނަމަވެސް މުވައްޒަފުންގެ މަސައްކަތް ރަނގަޅު ކުރުމަށް ސިޔާސަތެއް އޮންނަ ކަމަށެވެ.

އެހެންނަމަވެސް، ކެލިފޯނިއާގެ އޮފިޝަލުން ވަނީ އެމެޒޯންއިން މުވައްޒަފުންގެ ހައްގުތަކަށް އިހްމާލުވެފައިވާ ކަމަށް ވިދާޅުވެފައެވެ.

އެ މައްސަލައިގައި ކެލިފޯނިއާގެ ލޭބާ ކޮމިޝަނާސް އޮފީހުން އެމެޒޯންގެ މައްޗަށްކޮށްފައިވާ 5.9 މިލިއަން ޑޮލަރުގެ ޖޫރިމަނާ އިސްތިއުނާފު ކުރަން އެކުންފުނިން ވަނީ ނިންމައިފައެވެ.

އެމެޒޯންގެ ގުދަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ޑެލިވަރީ ޑްރައިވަރުންގެ މަސައްކަތް އަވަސްކުރުމަށް ޕްރެޝަރު ކުރާ މިންވަރު ބޮޑުވުމުން މީގެކުރިން ވެސް އެމެޒޯންއަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.