މާލޭ މާފަންނު ކޮޅުގައި ހުންނަ 'ސޮރީ ބޯއިސް' ފިހާރަ ފަޅައިލައި ހަތަރު ލައްކަ ރުފިޔާގެ ގެއްލުން ދީފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ރޭ ދަންވަރު 3:45 ހާއިރު އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅައިލައިގެން އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ފިހާރައިގެ ވެރި ފަރާތުން 'ސަން'އަށް މައުލޫމާތު ދެމުން ބުނީ ފިހާރައިގެ ބިއްލޫރިގަނޑު ތަޅައިލައިފައިވުމުންނާއި، އަލުން ބިއްލޫރި އަޅުވައި އެތަން މަރާމާތުކުރުމަށް ދާ ޚަރަދާއެކު ގެއްލުމުގެ އަގު ހަތަރު ލައްކައެއްހާ ރުފިޔާއަށް އަރާ ކަމަށެވެ.

އޭނާ ބުނީ ފިހާރައިން 40،000 ރުފިޔާގެ މުދާ ވެސް ވަގަށް ނަގައިގައިފައިވާކަމަށެވެ. އޭގެ ތެރެއިން ބައެއް އެއްޗެހި އަނބުރާ ލިބިފައިވާ ކަމަށާއި އެއީ ވައްކަން ކޮށްގެން ގެންދިޔަ ތަކެތީގެ ތެރެއިން މަގުމައްޗަށް ވެއްޓުނު އެއްޗެހި ކަމަށް އޭނާ ބުންޏެވެ.

ފުލުހުން ވެސް ވަނީ، ފިހާރައިން ނެގި ތަކެތި ހޯދާފައިވާ ކަމަށް ބުނެފައެވެ.

ފިހާރައިގެ ވެރިފަރާތުން ބުނީ، ވައްކަން ކުރިއިރު ފައިސާ ވަގަށް ނަގައިފައިނުވާ ކަމަށެވެ.

"އެއްވެސް އެއްޗަކަށް ނުބަލާ ލާރިވެސް ހުރި ހަމަ މިތާނުގައި. ވަތްގަނޑަކާ ވެސް ކުޅެފައި ނެތް. ދެން މިތާ މިއޮތީ ސެންޓާ އޭތި މީތި އެއިން އެއްޗެއްގަ ވެސް އަތެއް ނުލައި،" އޭނާ ކިޔައިދިނެވެ.

އޭނާ ތުހުމަތުކުރާ ގޮތުގައި އެއީ ވައްކަން ކުރުމުގެ ބަދަލުގައި، ޒާތީ ގޮތުން ދިން ގެއްލުމެކެވެ.

މަޖީދީމަގު ނަލަހިޔާ ކުރިމަތީގައި ހުންނަ ސޮރީ ބޯއިސް ފިހާރައަކީ އަންހެނުން އެތެރެއިންލާ އެއްޗެހި ވިއްކާ ފިހާރައެކެވެ.

މި މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އެ އިދާރާއިން ބުންޏެވެ.