19 Jun 2024, 16:03
މި އަހަރުގެ ހައްޖު މޫސުމުގައި އީރާނުގެ ހައްޖުވެރިންނާ ދެކޮޅަށް ސައުދީ އަރަބިއާގެ ކަމާބެހޭ ފަރާތްތަކުން އެޅި ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އޮފިޝަލަކު ސައުދީއަށް ފާޑުކިޔައިފިއެވެ.
މައްކާގައި ބޭއްވި ބައްދަލުވުމެއްގައި ސައުދީ އަރަބިއްޔާގައި ހުންނަވާ އީރާނުގެ ސަފީރު އަބްދުލްފައްތާހު ނަވާބް ވިދާޅުވީ ސައުދީ އަރަބިޔާގެ ބައެއް އަމަލުތަކަކީ މީގެ ކުރިން ހައްޖު މޫސުންތަކުގައި ނުފެންނަ ފަދަ އަމަލުތަކެއް ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން، ނަވާބް އިޝާރާތް ކުރެއްވީ އީރާނުގެ ހަ ހައްޖާޖީން ހައްޖުގެ އަޅުކަން އަދާކުރުމުގެ ކުރިން ގައުމަށް ފޮނުވާލި މައްސަލައިގައެވެ. އެ ހަ މީހުންނަކީ އީރާނުގެ ދައުލަތުގެ މީޑިއާ ގުރޫޕަށް ނިސްބަތްވާ ބައެއް ކަމުން އެ މީހުން އަނބުރާ ފޮނުވާލީ އެ ސަބަބާ ހެދި ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.
މީގެ އިތުރުން، މަދީނާގައި އީރާނުގެ އެހެން ހައްޖުވެރިއަކު ހައްޔަރުކޮށް އޭނާއާ މެދުވެސް ސައުދީން އަމަލުކުރަމުން އަންނަނީ ރަނގަޅަށް ނޫން ކަމަށް ނަވާބު ވިދާޅުވިއެވެ.
އީރާނުގެ ހައްޖުވެރިން، ހައްޔަރުކޮށް ބަންދުކޮށްފައިވާ މައްސަލައިގެ އިތުރު ތަފުސީލެއް ދެ ފަރާތުން ވެސް ހާމައެއް ނުކުރެއެވެ.
އީރާނުގެ ހައްޖުވެރިންނަށް ފިޔަވަޅު އަޅައިފައި ވަނީ ހައްޖުވެރިންގެ ވިސާގެ ސައްހަކަން ސައުދީން ބަލަމުން އަންނަ ދަނޑިވަޅެއްގައެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ސައުދީ ކަމާބެހޭ ފަރާތްތަކުން ވަނީ ސައްހަ ލިޔެކިޔުންތަކާއި ހުއްދަ ނެތި ހައްޖުގެ އަޅުކަން އަދާކުރަން އުޅުނު ތިން ލައްކައެއްހާ މީހުން ހިފަހައްޓައި ޑީޕޯޓުކޮށްފައެވެ.
މި މައްސަލަ ދިމާވެފައިވަނީ، އިރާނާއި ސައުދީގެ ގުޅުން ބަދަހިވެ، ގިނަ ދުވަސްތަކަކަށްފަހު އީރާނުން ސައުދީއަށް ހައްޖަށް މީހުން ފޮނުވަން ފެށިތާ ދުވަސްކޮޅެއް ފަހުންނެވެ.
ސައުދީން 2016 ވަނަ އަހަރުން ފެށިގެން އީރާނާ ގުޅުން ކަނޑާފައި އޮތުމަށް ފަހު އަލުން އެގައުމާ ގުޅުން ގާއިމުކުރީ މިދިޔަ އަހަރެވެ.
އީރާންއާއި ސައުދީ އަރަބިއާއާ ދެމެދު މައްސަލަ ޖެހި ގުޅުން ކަނޑާ ހިސާބަށް ދިޔައީ، ސައުދީގެ ޝީޢީ އިލްމުވެރިޔާ ނިމްރު ބާގިރު އަލް ނިމްރުގެ މައްޗަށް އެގައުމުން މަރުގެ ހުކުމް ތަންފީޒު ކުރުމުންނެވެ. އެއީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހުއެވެ.
ސައުދީގެ ކޯޓަކުން އޭނާ މަރަން ހުކުމް ކުރީ، އެގައުމަށް ބޭރުގެ ނުފޫޒު ގެނައުމަށް މަސައްކަތް ކުރުމުގެ ދައުވާ އާއި އެގައުމުގެ ވެރިންގެ އަމުރާ ޚިލާފުވެ، ސަލާމަތީ ބާރުތަކާ ދެކޮޅަށް ތެދުވި ކަމުގެ ދައުވާގައެވެ.
ނިމްރު އަކީ، ސައުދީން ޝީއީންނާ މެދު ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް ބުނެ ސަރުކާރަށް ފާޑު ކިޔައި، އެގައުމުގައި މިނިވަން އިންތިޚާބުތައް ބޭއްވުމަށް ގޮވާލަމުންދިޔަ މީހެކެވެ.
ނިމްރުގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމުން، އީރާނާއި މެދުއިރުމަތީގެ އެހެން ގައުމުތަކުގައި ވެސް ޝީޢީން ނުރުހުން ފާޅުކޮށް މުޒާހަރާކުރިއެވެ. އެގޮތުން އީރާނުގެ ވެރިރަށް ތެހެރާނުގައި ކުރި މުޒާހަރާތަކުގައި ބައެއް މީހުން ސައުދީ އެމްބަސީއަށް ހަމަލާ ދިނެވެ.