19 Jun 2024, 00:27
ޔޫރޯ 2024 ގެ ގްރޫޕް އެފްގައި މުބާރާތުގައި ފުރަތަމަ ފަހަރަށް ވާދަކުރާ ޖޯޖިއާ ކޮޅަށް ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އަރުދާ ގުލާ ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުގައި ލަނޑު ޖަހާ ތުރުކީއަށް މޮޅެއް ހޯދައިދީފިއެވެ.
މެޗުން ތުރުކީ މޮޅުވެފައިވަނީ ޖޯޖިއާ އަތުން 3-1 ގެ ނަތީޖާއަކުންނެވެ. ތުރުކީ މޮޅުވީ ދެ ޓީމު 1-1 އިން އެއްވަރުވެފައި ވަނިކޮށް ފަހަތުން އަރާ ކާމިޔާބުކުރި ލަނޑުތަކާއެކު އެވެ.
މެޗުގައި ފުރަތަމަ ލީޑް ނެގީވެސް ތުރުކީންނެވެ. ތުރުކީއަށް ލީޑް ނަގައިދިނީ 25 ވަނަ މިނިޓްގައި މާތް މަލްޑާއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އޭރިއާ ރޮނގުމަތިން ފޮނުވާލި ބޯޅަ ގޯލްގެ މަތީ ކަނަށް އަމާޒުކޮށްގެންނެވެ.
ޖޯޖިއާއިން ނަތީޖާ ހަމަހަމަކުރީ 31 ވަނަ މިނިޓްގައެވެ. އެއީ ޖޯޖް މި ކައުޓަޑްޒް ގޯލް އޭރިޔާ ކަނާ ދިމާލުން ފޮނުވާލި ބޯޅަ ކީޕަރު އަތްދަށުން ގޯލަށް ވަދެގެންނެވެ.
ތުރުކީއަށް ލީޑު ލިބުނީ 65 ވަނަ މިނިޓްގައެވެ. މި ލަނޑު ގުލާ ޖެހިއިރު، މިއީ ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުގައި ލަނޑުޖެހި ޓީނޭޖް ތިންވަނަ ކުޅުންތެރިޔާއެވެ.
ތުރުކީން ތިންވަނަ ލަނޑެއް ޖެހީ ޖޯޖިއާގެ މުޅި ޓީމް ކުރިއަށް ޖެހި ނަތީޖާ ހަމަހަމަކުރަން ހަމަލާދެމުން ދިޔަ ވަގުތު އިތުރު ވަގުތުގެ ވެސް ފަހު މިނިޓްގައި ކައުންޓަ އެޓޭކެއްގައެވެ. މި ލަނޑު ކާމިޔާބުކުރީ ކެރަމް އަކްތޮކްގޮލޫއެވެ.
މީގެ އިތުރުން ވެސް މި މެޗުގައި ދެ ޓީމަށް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ޕޯޗްގަލް އާއި ޗެކްރިޕަބްލިކެވެ. ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރު މި ދެ ޓީމު ވާދަކުރާނެއެވެ.