ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ އަށް ބަދަލުގެންނަވައި ކޮމިޝަންގެ ރައީސް ކަމަށް ކޮމިޝަންގެ ކުރީގެ މެންބަރު އިސްމާއިލް ޝަފީއު އާއި ސިންގަޕޫރުގެ ކުރީގެ ފަޑިޔާރު ޖަސްޓިސް ޖީ ޕަންނިރު ސެލްވަމާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު މިއަދު ހަމަޖައްސަވައިފި އެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ ކޮމިޝަނަށް ރައީސް އަލުން އައްޔަން ކުރައްވާފައި ވަނީ އެ ކޮމިޝަންގެ ކުރީގެ މެންބަރުންގެ ގޮތުގައިވެސް ތިއްބެވި އިސްމާއީލް ޝަފީއު އާއި ޑރ. އިބްރާހިމް ޔާސިރު އަހުމަދާއި ޑރ. އަލީ ފަވާޒު ޝަރީފާއި އަދި ސިންގަޕޫރުގެ ކުރީގެ ފަޑިޔާރެއްގެ ގޮތުން ޖަސްޓިސް ޖީ ޕަންނިރު ސެލްވަމާއި އަދި ރައީސް މުހަންމަދު ނަޝީދުގެ ފަރާތްޕުޅުން އަހުމަދު ސައީދު (ގަހާ) ސައީދެވެ. އަދި ކޮމިޝަންގެ ރައީސްގެ ގޮތުގައި ހަމަ ޖައްސެވީ އިސްމާޢީލް ޝަފީޢާއި ޖަސްޓިސް ޖީ ޕަންނިރު ސެލްވަމު ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ކޮމަންވެލްތުގެ ލަފާގެ މަތިން އަލަށް އެކުލަވާލި ކޮމިޝަންގައި އެ ޖަމާއަތާއި އދ ގެ ފަރާތުން ދެ ބޭފުޅަކު އެޑްވައިޒަރުންގެ ހަރަކާތްތެރިވާނެ ކަމަށް އެ އޮފީހުން ބުނެ އެވެ.

ކޮމިޝަން އޮފް ނޭޝަލް އިން ކުއަރީގެ މަސައްކަތަކީ ހަތަރެއް ޖެނުއަރީ 2012 އިން ފެށިގެން އަށެއް ފެބުރުއަރީ 2012 އަށް ރާއްޖޭގައި ހިނގާފައިވާ ކަންތައްތަކާއި، 7 ފެބްރުއަރީ 2012 ގައި ސަރުކާރު ބަދަލުވުމުގައި ކަން ހިނގާފައިވާގޮތް، ބަލައި ހޯދުމެވެ.

ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގެ ތަހުގީގުގެ ރިޕޯޓް އަންނަ ޖުލައި މަހުގެ31 ގެ ކުރިން ނިންމާ ރައީސްއަށް ހުށަހަޅަން ޖެހެ އެވެ.