19 Jun 2024, 08:51
މި އަހަރުގެ އޮގަސްޓް މަހު ރިލީޒްކުރުމަށް ކުރިން ތާވަލު ކުރި ކާމިޔާބު ތެލުގޫ ފިލްމު "ޕުޝްޕާ2" ރިލީޒްކުރުން މި އަހަރުގެ ޑިސެމްބަރު މަހަށް ފަސްކޮށްފިއެވެ.
ތެލުގޫ ސިނަމާގެ އެންމެ ވިދުންގަދަ ތަރި ކަމަށްވާ އައްލޫ އަރުޖުން އަދި ސައުތު ބަތަލާ ރަޝްމިކާ މަންދަންނާ ލީޑް ރޯލް ކުޅޭ މި ފިލްމަކީ، މި އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް ފިލްމެވެ.
އިންޑިއާގެ މިނިވަންދުވަހާ ގުޅުވައިގެން ފިލްމު ރިލީޒްކުރަން ތާވަލުކޮށް އެކަން އިއުލާނުކުރުމަށްފަހު ފިލްމު ރިލީޒްކުރުން ފަސްކޮށްފައި ވަނީ ކޮން ސަބަބަކާ ހެދިކަމެއް ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ. އެހެންނަމަވެސް ފިލްމީ ޚަބަރުތަކުން ބުނެފައިވާ ގޮތުގައި ފިލްމު ފަސްކުރެވިފައި ވަނީ އޮގަސްޓް މަހާ ހަމައަށްވެސް ފިލްމުގެ އެޑިޓިން މަސައްކަތް ނުނިމޭނެކަމަށް ލަފާކޮށްފައެވެ.

ބަތަލާ ތުރިޕްތީ ދިމްރީ -- ފޮޓޯ/ވޯގްއިންޑިއާ
މި އަހަރުގެ ޑިސެމްބަރު މަހު އިންޑިއާގައި ފާހަގަކުރާ ވަރަށް ގިނަ ފެސްޓިވަލުތައް ހިމެނޭތީ ފިލްމު ރިލީޒްކުރާނީ ކޮން ފެސްޓިވަލަކާ ގުޅިގެންކަން ކަށަވަރުކުރުމުގެ މަޝްވަރާތައް މިހާރު ކުރިޔަށްދާ ކަމަށާއި ވަރަށް އަވަހަށް އެ ތާރީޚު އިއުލާނު ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޑައިރެކްޓަރު ސުކުމާރުގެ މި ފިލްމަކީ 2021ވަނަ އަހަރު އޭނާ މި ނަމުގައި ޑައިރެކްޓްކުރި ފިލްމުގެ ސީކުއަލްއެކެވެ. ފިލްމު "ޕުޝްޕާ"ގެ ވަރަށް ޚާއްސަ ލަވައަކުން ސައުތު ބަތަލާ ސަމަންތާ ފެނުނުއިރު "ޕުޝްޕާ2"ގެ ޚާއްސަ ލަވައަކުން މިފަހަރު ފެންނާނީ އުއްމީދީ ޒުވާން ބަތަލާ ތުރިޕްތީ ދިމްރީއެވެ.