ބޮލީވުޑްގެ އެކްޓަރު އަޔުޝްމާން ކުރާނާގެ އަންހެނުން ތާހިރާ ކަޝްޔަޕް ލިޔެ ޑައިރެކްޓްކުރި ފުރަތަމަ ފީޗާ ފިލްމު "ޝަރުމާޖީ ކީ ބޭޓީ" އެމޭޒަން ޕްރައިމްގައި ޕްރިމިއާކުރަން ނިންމައިފިއެވެ.

ފިލްމީ ތަރިން ކަމަށްވާ ސާކްޝީ ތަންވާރު، ސައްޔާމީ ހޭރު އަދި ދިވްޔާ ދައްތާ މުހިއްމު ރޯލްތައް ކުޅޭ މި ފިލްމު އެމޭޒަން ޕްރައިމްއިން ދައްކަން ފަށާނީ މި މަހުގެ 28އިން ފެށިގެންނެވެ. ތާހިރާއަކީ މީގެކުރިން ވެސް ބައެއް ކުރު ފިލްމުތަކަށް ސްކްރީންޕްލޭ ތައްޔާރުކޮށްދީ ބައެއް ކުރު ފިލްމުތައް ޕްރޮޑިއުސްކޮށްފައިވާ ފަރާތެކެވެ.

ތާހިރާ ލިޔެ ޑައިރެކްޓްކުރި ފުރަތަމަ ފީޗާ ފިލްމު "ޝަރުމާޖީ ކީ ބޭޓީ"ގެ ޕޯސްޓަރު -- ފޮޓޯ/ކޮއިމޮއި

މީގެ ފަސް އަހަރު ކުރިން އިއުލާނުކުރި މި ފިލްމުގެ ވާހަކަ މައިގަނޑުގޮތެއްގައި ބިނާކޮށްފައި ވަނީ ވަރަށް އާދައިގެ އާއިލާއަކަށް ނިސްބަތްވާ ތިން އަންހެނުންނާއި އެމީހުންގެ ފުރާވަރަށް އަރަމުން އަންނަ ކުދިންގެ ދިރިއުޅުމުގައި ހިނގާ ކަންތައްތަކުގެ މައްޗަށެވެ. ފިލްމު އިއުލާނު ކުރުމަށްފަހު މި ފިލްމުގެ މަސައްކަތް ފެށުން ލަސްވީ ތާހިރާއަށް އުރަމަތީގެ ކެންސަރުޖެހި އެ ބައްޔަށް ފަރުވާ ހޯދުމަށް ދިގު މުއްދަތެއް ހޭދަކުރަން ޖެހުމާ ގުޅިގެންނެވެ.

މި ފިލްމު ޕްރޮޑިއުސްކުރާ އެޕްލައުސް އެންޓަޓެއިންމަންޓުން ބުނިގޮތުގައި މި ފިލްމަކީ އަންހެނުންގެ ދިރިއުޅުމުގައި ދިމާވާ އުފާވެރި ކަންތައްތަކާއި ހިތާމަވެރި ކަންތައްތަކުގެ އިތުރުން، ކަމެއް ހާސިލުވުމުން ލިބޭ ފަޚުރުވެރިކަން ފާހަގަ ކުރާނެ ފިލްމެކެވެ. މި ފިލްމަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ މާމީ މުމްބާއީ ފިލްމު ފެސްޓިވަލުގައި ފިލްމު ޕްރިމިއާ ކުރުމުންނެވެ.