17 Jun 2012, 18:05
ތަކެތީގެ އަގު ބޮޑުވުމާއި ގުޅިގެން އާއިލާއާ ބެހޭ ގަވާއިދު ދަށުން ކުދިންގެ ހަރަދުގެ ގޮތުގައި ދޭންޖެހޭނެ ކަމަށް މިހާރު ކަޑައަޅާފައިވާ 450ރ. ބޮޑުކުރަން އާންމުންގެ ހިޔާލު ހޯދުމަށް ޑީއާރްޕީން ނިންމައިފި އެވެ.
ޑީއާރްޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ދަރިންގެ ހަރަދު ދިނުމަށް މިހާރު ކަނޑައަޅާފައިވާ ފައިސާގެ އަޑު ބޮޑު ކުރުމާމެދު މަޝްވަރާ ކުރުމަށް އަންނަ ބުދަ ދުވަހުގެ ހަވީރު 4:30 ގައި ޑީއާރްޕީގެ އޮފީހުގައި ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. އެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓްރީއާއި އދ.ގެ ބޭފުޅަކާއި އަމިއްލަ ޖަމިއްޔާތަކުން ވެސް ބައިވެރިވާނެ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑީއާރްޕީގެ ސްޓޭންޑަކީ އެ އަދަދު 1000ރ. އަށް ބޮޑު ކުރުން ކަމަށާއި ނަމަވެސް ޑީއާރްޕީގެ "އެންމެ ބޮޑު އެދުމަކީ" އެކަމާ ގުޅޭ ގޮތުން އެއްވެސް ހިޔާލެއް ދޭން ބޭނުންނަމަ، ޑީއާރްޕީގެ އޮފީހަށް ގުޅުއްވައި ހިޔާލު ހުށަހެޅުއްވުން ކަމަށެވެ. އަދި އެ ހިޔާލުތަކަށް ބުރަވެ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީއަށް އެ މައްސަލަ ހުށަހަޅައި، ދަރިންގެ ހަރަދު 450ރ. އަށް ވުރެ ބޮޑު ކުރުމަށް އެ ޕާޓީން މަސައްކަތް ކުރާނޭ ކަްމަށެވެ.
"މި އިޝޫއަކީ ދެކޮޅަށް ވެސް ވާހަކަދެއްކޭނެ އިޝޫއެއް. ފިރިހެން ބޭފުޅުންނަށް ވެސް ފެންނަ އެންމެ ރަނގަޅު ހިޔާލެއް އަޅުގަނޑުމެންނަށް ހުށަހެޅުމަކީ އަޅުގަނޑުމެންގެ އެދުމެއް. އެކަމާ ގުޅިގެން ބާއްވާ ކޮންފަރެންސްއަށް ވެސް ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑުމެން ވާނީ ދައުވަތު ދީފައި،" އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް އާންމުކޮށް މަޖިލީހުގެ ތަޅުމުގައި ވަކާލާތު ކުރައްވާ ރޮޒައިނާ މިއަދު ވިދާޅުވި އެވެ.
އާއިލާއާ ބެހޭ ގަވާއިދުގެ 65 ވަނަ މާއްދާގެ (ހ)އަށް 2006 ވަނަ އަހަރު ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ ކުއްޖާގެ އުމުރުން 16 އަހަރު ފުރެންދެން ކުއްޖާގެ ހަރަދުގެ ގޮތުގައި އާންމުގޮތެއްގައި ނަގައިދެވޭނީ ކުއްޖަކަށް މަހަކު 450ރ. ކަމަށެވެ.
ޑީއާރްޕީން ބުނީ ގައިވާއިދުގެ އެ މާއްދާއަށް ހިޔާލެއް ހުށަހެޅުއްވުމަށް ބޭނުންނަމަ ޑީއާރްޕީ އޮފީހުގެ ޓެލެފޯން ނަންބަރު 3320456، އާއި ފެކްސް ނަންބަރު 3344774، އަދި[email protected]ހިޔާލުހުށަހެޅޭނެ ކަމަށެވެ.