ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ކުރީގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ހަމީދު ހައްޔަރުކޮށްފައި ވަނީ މީގެ ކުރީން ފުލުހުން ހައްޔަރު ކުރަމުން އައިސްފައިވާ ގޮތާ ތަފާތުކޮށް ކަމަށް ހަމީދުގެ ވަކީލު ޝަރީއަތުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ހަމީދުގެ ވަކީލު މިހެން ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހަމީދު ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ދީފައިވާ އަމުރު ބާތިލްކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑު އެހުމުގަ އެވެ. ހަމީދު ހައްޔަރު ކުރުމަށް ކުރިމިނަލް ކޯޓުން ދީފައިވާ އަމުރު ގަބޫލު ނުކުރާ ކަމަަށް ވިދާޅުވެ ހަމީދުގެ ފަރާތުން ތިން ކަމެއް މިއަދުގެ ޝަރީއަތުގައި ހަމީދުގެ ވަކީލް ވަނީ ފާހަގަކުރައްވާފައިވެ އެވެ.

ހަމީދު ވަކީލް އިސްލާމާއިލް ވިޝާމް މިއަދު ވިދާޅުވީ ބޮޑެތި ކުށްތަކުގައި ތުހުމަތު ކުރެވިގެން ދައުވާ ކުރެވިފައިވާ ފުލުހުންގެ އޮފިސަރުން ވެސް ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އަދި އެ މީހުންންގެ މައްޗަށް ވަނީ ހަމީދުގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކަށް ވުރެ ބޮޑަތި ތުހުމަތުތައް ކުރެވިފައި ކަމަށް ވެސް ވިޝާމް ވިދާޅުވި އެވެ. ނަމަވެސް އޭގެ ތަފުސީލެއް ވިޝާމް ވިދާޅެއްނުވެ އެވެ.

ކޯޓު އަމުރެއްގެ ދަށުން ހަމީދު ހައްޔަރު ކުރަން ބޭނުން ވަނީ ހެކި ފޮރުވަފާނެތީ އާއި ހެކިންނަށް ނުފޫޒު ފޯރުވަފާނެތީ ކަމަށް ބުނެފައިވީ ނަމަވެސް އެ ނުކުތާ އަށް ކުރިމިނަލްކޯޓުގެ އަމުރުގައި ރިޔާއަތްކޮށްފައިނުވާ އިރު ކުރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ހަމީދު ދޫކޮށްލާފައި ހުރުމަކީ ގައުމީ ސަލާމަތަށް ނުރައްކަލަކަށް ވެދާނެތީ ކަމަށް ބުނެ ކަމަށް ވެސް ވިޝާމް ވިދާޅުވި އެވެ.

އަދި ހަމީދު މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ ވެސް ކުށެއްކަން ބުނެފައިނުވާ ކުށެއްކަމަށް ވެސް ހަމީދުގެ ވަކީލު ވަނީ ވިދާޅުވެފަ އެވެ.

ހަމީދުގެ ފަރާތުން ފާހަގަ ކުރި ނުކުތާތަކަށް ރައްދު ދެއްވަމުން ޕީޖީގެ ވަކީލް ހުސެއިން ނާޝިދު ވިދާޅުވީ ފުލުހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގައި ފުލުހުން ހައްޔަރު ކޮށްފައިވާނެ ކަމަށެވެ. އަދި ހަމީދު ހައްޔަރު ކުރަން ޖެހޭ ކަމަށް ފުލުހުން ބުނި ނުކުތާއެއްގެ މައްޗަށް ރިއާޔަތް ކޮށްގެން ނޫން ނަމަވެސް އޭނާ ހައްޔަރު ކުރުމަށް ކުރިމިނަލް ކޯޓުން އަމުރު ދީފައި ވަނީ ގާޒީ އަށް ގަބޫލު ކުރެވޭ ނުކުތާއެއްގެ މައްޗަށް ކަމަށް ނާޝީދު ވިދާޅުވި އެެވެ.

މިއަދުގެ ޝަރީއަތު އަޑު އެހުން ނިންމާލައްވަމުން ގާޒީ ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ.