17 Jun 2012, 17:34
ދެހާސް ދިހަ ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މާޒިޔާ ދަނޑުގައި ފުޓްބޯޅަ މެޗެއް ކުޅެނިކޮށް ހިނގި މާރާމާރީއެއްގައި މ. ބިއުޓީފްލާވާ، މުހައްމަދު ހުސެއިން މަރުވި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ދައުލަތުން އުފުލި ތިން ކުއްޖެއްގެ މައްޗަށް ދެ މީހަކު މިއަދު ހެކިބަސް ދީފި އެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލައިގައި ދައުވާ ލިބޭ ހަ ކުދިންގެ މައްޗަށް ކުށް ސާބިތުކުރުމަށްޓަކައި ދައުލަތުން ހުށަހެޅި ހެކީންގެ ތެރެއިން ދެ ހެކީންގެ ހެކިބަސް މިއަދު ނަގާފައިވާ ކަމަށާއި ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ އިތުރު ތިން ހެއްކަކު ހާޒިރުކޮށް ހެކިބަސް ނެގުން ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެ މައްސަލައިގައި ދައުވާ ލިބޭ ކުދިންނަކީ 15 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިން ކަމަށެވެ. އަދި ވިދާޅުވީ ކުޑަކުދިންގެ މައްސަލައަކަށްވާތީ އެ މައްސަލައިގައި ހެކިބަސް ލިބުނުގޮތް ހާމަކުރެވެން ނެތްކަމަށެވެ.
އެ ހަ ކުދިންގެ ތެރޭގައި މުހީތުގެ މަރާއި ގުޅިގެން ދައުވާ ލިބޭ ކުއްޖަކު ހިމެނޭ ކަމަށް ޖުވެނައިލް ކޯޓުން ބުނެ އެވެ.
އެ ހަ ކުދިންގެ އިތުރުން އެ މައްސަލައިގައި މުޖުތަމައުއަށް ނުރައްކާތެރި ކުށްވެރިންގެ ތެރޭގައި ހިމެނޭ ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމްގެ މައްޗަށް ވެސް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފަ އެވެ.
އެދުވަހުގެ އެ މާރާމާރީގައި ލިބުނު ޒަހަމްތަކަށް ފަރުވާދެނިކޮށް މުހައްމަދު ހުސައިން ވަނީ ހަމަ އެ ދުވަހު މަރުވެފަ އެވެ.
އެކުދިންގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 6 މާއްދާގެ (ހ) ގެ ދަށުންނެވެ. އެ މައްދާގެ (ހ) ގައި ބުނަނީ ޓެރަރިޒަމްގެ ކުށެއްގައި މީހަކު މަރުވެއްޖެނަމަ އެ ކުށްކުރި މީހާގެ އަދަބަކީ މެރުމެވެ. ނުވަތަ އުމުރަށް ޖަލަށްލުން ނުވަތަ އުމުރަށް އަރުވާލުމެވެ. މިފަދަ ކުށެއް ކުރުމުގައި ނުވަތަ ރޭވުމުގައި ބައިވެރިވީ މީހެއްގެ އަދަބަކީ ވެސް އެއީ ކަމަށާއި އެފަދަ މައުލޫމާތެއް ސިއްރު ކުރި މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ އަރުވާލުން ކަމަށް ވެސް އެ މާއްދާގައި ވެއެވެ.