17 Jun 2012, 17:10
މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ގ. ވޭރު، އަބްދުލް މުހީތު މަރާލިކަމުގެ ތުހުމަތުގައި ދައުވާކޮށްފައިވާ 18 އަހަރުން ދަށުގެ ތިން ކުދިން ދައުވާއަށް ޖަވާބުދާރީ ވެއްޖެ އެވެ.
އެ ތިން ކުދިން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެތިން ކުދިންގެ ތެރެއިން ދެ ކުއްޖަކު ދައުވާއަށް ޖަވާބުދާރީ ވެފައި ވަނީ ވަކީލަކާއި އެކު ކަމަށެވެ. އަދި އަނެއްކުއްޖާ ދައުވާއަށް ޖަވާބުދާރީ ވެފައި ވަނީ ވަކީލަކާއި ނުލާކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ވަކީލަކު އައްޔަން ކުރުމަށް ކޯޓުން ކުރިން އެ ކުއްޖާއަށް ދިން ފުރުސަތުގައި މިއަދާ ހަމަޔަށް ވެސް ވަކީލަކު އައްޔަން ކުރެވިފައި ނުވާތީ އިތުރު ފަސް ދުވަހުގެ މުއްދަތެއް ވަކީލަކު ހަމަޖައްސަން ބޭނުންވާކަމަށް އެކުއްޖާ މިއަދު ބުނި ކަމަށެވެ. ނަމަވެސް ވަކީލަކު އައްޔަން ކުރުމަށް އެކަށީގެންވާ ފުރުސަތު ދީފައިވާތީ އެ ފުރުސަތު ދެވެން ނެތްކަމަށް ގާޒީ މިއަދު ވިދާޅުވި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ވަކީލަކު އައްޔަން ކުރަން ވަކިން ފުރުސަތު ނުދިނަސް ޝަރީއަތް ކުރިއަށްދާއިރު ވަކީލަކު އައްޔަން ކުރެވިއްޖެ ނަމަ އެ ވަކީލަކު ކޯޓުން ބަލައިގަންނާނެ ކަމަށެވެ.
މި ކުދިންގެ އިތުރުން އެ މައްސަލައިގައި ދައުވާ ލިބެނީ ގދ. ގައްދޫ އަބުލަޣީގޭ، މުހުޖަތު އަހުމަދު ނާސިހު 18، އާއި ސ. މަރަދޫ ސަލްޓަންވިލާ، އަލީ މުޝައްފަޢު 20، އާއި ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫން 19، އިގެ މައްޗަށެވެ. ވަކީލަކު އައްޔަން ނުކުރެވޭތީ އެމީހުންގެ ޝަރީއަތް އަދި ނުފަށައެވެ.
އެ ތިން ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފައެވެ. އެ ދައުވާ އުފުލާފައި ވަނީ ޖުލައި 30، 2010 ގައި ސޯޝަލް ސެންޓަރު ފުރަގަހު، "މާޒިޔާ ދަނޑުގައި" ކުޅުނު ފުޓްބޯލަ މެޗަށް ބަލަންތިބި ސަޕޯޓަރުންގެ މެދުގައި ހިންގި ހަމަނުޖެހުންތަކުގައި މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ. އެ މާރާމާރީގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މ. ބިއުޓީފްލާވާ މުހައްމަދު ހުސައިން ވަނީ އެ ދުވަހު މަރުވެފަ އެވެ.