18 Jun 2024, 08:41
ޑިޒްނީ ބޮއިކޮޓު ކުރުމަށް ގޮވަމުންދާ ދަނޑިވަޅެއްގައި އެ ކުންފުނިން ނެރުނު އެނިމޭޓެޑް ފިލްމު "އިންސައިޑް އައުޓް"ގެ ދެވަނަ ފިލްމު ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ހޯދައި ރެކޯޑުތައް މުގުރަން ފަށައިފިއެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއެކު އިޒްރޭލަށް އެކި ގޮތްގޮތުން މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކުންފުނިތައް ގިނައެވެ. އޭގެތެރެއިން ޑިޒްނީއަކީ އެންމެ ގިނައިން މާލީ އެހީތެރިކަން އިޒްރޭލަށް ފޯރުކޮށްދީފައިވާ އެއް ކުންފުންޏެވެ. އެހެންވެ އެތައް ބަޔަކު އަންނަނީ ޑިޒްނީ ބޮއިކޮޓު ކުރުމަށް ގޮވާލަމުންނެވެ.
އެ ގޮވާލުންތަކަށް ގިނަ ބަޔަކު ބީރު ކަންފަތެއް ދީފައިވާކަން ބޮކްސް އޮފީހުގެ ނަތީޖާތަކުން ފެންނަން ފަށައިފިއެވެ.
ޑިޒްނީގެ ބެލުމުގެ ދަށުން ހިންގާ "ޕިކްސާ"އިން ނެރުނު އިންސައިޑް އައުޓްގެ ދެވަނަ ބައި ވަނީ މިދިޔަ ހަފުތާ ބަންދުގައި ދައްކަން ފަށައިފައެވެ. މި ފިލްމު ރިލީޒް ކުރުމާއެކު ފިލްމަށް ވަނީ މީގެ ކުރީން ނުލިބޭ ވަރުގެ ބޮޑު މަގުބޫލުކަމެއް ލިބިފައެވެ.
މި ފިލްމު ވަނީ މިހާތަނަށް ދެއްކި އެނިމޭޓެޑް ފިލްމުތަކުގެ އެންމެ ބޮޑު އޯޕެނިން ފިލްމަށް ވެފައެވެ. އެގޮތުން ހަފުތާ ބަންދުގައި އެކަނިވެސް މި ފިލްމު ވަނީ 295 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ. އޭގެތެރެއިން 155 މިލިއަން ޑޮލަރަކީ ހަމައެކަނި އެމެރިކާއިން ހޯދާފައިވާ އާމްދަނީއެވެ.
އިންސައިޑް އައުޓްގެ ހަފުތާ ބަންދުގެ އާމްދަނީއާއެކު މި ފިލްމު ވެފައިވަނީ މިއަހަރުގެ އެންމެ ބޮޑު އޯޕަނިން އަށެވެ. އެނިމޭޝަން އަދި އާދައިގެ ހުރިހާ ފިލްމުތަކުން ވެސް މި ފިލްމު ވެފައިވަނީ އެންމެ ބޮޑު ފިލްމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް މި ފިލްމަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ޑިޒްނީއިން ވަނީ ލަފާކޮށްފައެވެ.
ފިލްމަށް ބޮޑު އާމްދަނީއެއް ލިބޭއިރު ވެސް އެތައް ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ފިލްމު ބޮއިކޮޓް ކުރުމަށް ގޮވާލަމުންނެވެ.