ބޮލީވުޑްގެ ބައެއް ފިލްމުތަކުން ފެނިފައިވާ ޕާކިސްތާނު އެކްޓަރު ފަވާދު ޚާން އާއި، އެ ޤައުމުގެ ބަތަލާ ސަނަމް ސަޢީދު ލީޑް ރޯލް ކުޅެފައިވާ ސީރީސް "ބަރުޒަޚު" ކުރިޔަށް އޮތް ޖުލައި މަހު ޒީ5ގައި ޕްރިމިއާކުރަން ނިންމައިފިއެވެ.

ޕާކިސްތާނުގެ ޑައިރެކްޓަރު އާސިމް އައްބާސީ އާއި ޝައިލްޖާ ކެޖްރިވާލްގެ އިތުރުން ވަޤާސް ހަސަން ޕްރޮޑިއުސަރުންގެ ގޮތުގައި މަސައްކަތް ކޮށްފައިވާ މި ސީރީސްއަކީ ހަ އެޕިސޯޑުގެ މައްޗަށް އުފައްދާފައިވާ ސީރީސްއެކެވެ. ޕާކިސްތާނުގެ ޓީވީ ޑްރާމާ ސިލްސިލާ "ޒިންދަގީ ގުލްޒާރު ހޭ"އިން ބޮޑު މަގުބޫލުކަމެއް ފަވާދު އާއި ސަނަމްއަށް ލިބުނުއިރު މި ދެތަރިންގެ ޖޯޑު ބެލުންތެރިންނަށް ވަރަށް ބޮޑަށް ކަމުދިޔައެވެ.

ޕާކިސްތާނު ޓީވީ ސިލްސިލާ "ޒިންދަގީ ގުލްޒާރު ހޭ"ގެ މަންޒަރެއް--ފޮޓޯ/އިންޑިއާ.ކޮމް

މި ޑްރާމާ ސީރީސްއިން ލޯބީގެ ގުޅުންތަކުގެ ވަރުގަދަކަމާއި ދިރިއުޅުމުގައި ދިމާވާ ކަންކަމާމެދު ފުންކޮށް ވިސްނައި އެކަންތައްތަކުން އިބުރަތް ހާސިލުކުރުމުގެ މުހިއްމުކަން ދައްކުވައިދޭނެއެވެ. ހަމައެއާއެކު ގާތް މީހަކު މަރުވުމުން އެފަދަ ގުޅުންތަކަށް ކުރާ އަސަރު ދައްކުވައިދޭނެއެވެ.

މިދިޔަ އަހަރު ފްރާންސްގައި ކުރިޔަށްދިޔަ ފިލްމު ފެސްޓިވަލުގައި މި ސީރީސް ޕްރިމިއަކޮށްފައިވާއިރު މިއީ ސައުތު އޭޝިއާގެ ޓެލެވިޒަން ސީރީސްއެއް އިންޓަނޭޝަނަލް ފެސްޓިވަލެއްގައި ޕްރިމިއާކުރި ފުރަތަމަ ފަހަރު ވެސް މެއެވެ.

ފަވާދު އާއި ސަނަމް އެކީގައި ސްކްރީނުން ބަލަން ބޭނުންވާ ގިނަ ބަޔަކު ދިގު އިންތިޒާރެއް ކުރަމުން އަންނަ ސީރީސް "ބަރުޒަޚު" ޒީ5އިން ޕްރިމިއާކުރާނީ އަންނަ މަހުގެ 19 ވަނަ ދުވަހުއެވެ.