ހއ. ހޯރަފުށީގައި ތެލުގެ ވިޔަފާރިކުރަމުން ދިޔަ އެ ރަށު ސީވިއު ހުސެއިން މުހައްމަދު މަނިކު،61ގެ މަރުގެ މައްސަލައާ ގުޅިގެން ޓެރަރިޒަމާއި ވައްކަމުގެ ދައުވާ ދައުލަތުން އުފުލާފައިވާ ތިން މީހުންގެ ޝަރީއަތް ކެންސަލްކޮށްފި އެވެ.

ހުސޭނުބޭގެ މަރާ ގުޅިގެން ޓެރަރިޒަމާއި ވައްކަމުގެ ދައުވާ ދައުލަތުން އުފުލާފައި ވަނީ ހޯރަފުށީ، އުންމީދީމަންޒިލް، އަހުމަދު އިބްރާހިމާއި ސޯސަންވިލާ، ނުއުމާން އަބްދުﷲގެ އިތުރުން ހުސޭނުބެ އަށް ބޮޑުބޭބެ ކިޔާ އެ ރަށު ޅޮހީގޭ މުހައްމަދު ލަތީފްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލައިގައި މިއަދު ވެސް އޮތީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނެގުން ކަމަށާއި މިއަދުގެ ޝަރީއަތް ކެންސަލް ކުރަން ޖެހުނީ ހެކިން ކޯޓަށް ހާޒިރު ނުކުރެވުމުން ކަމަށެވެ.

"ހެކިން ހާޒިރު ނުކުރެވުމުން އެ މައްސަލައިގެ ޝަރީއަތް މިއަދު ކެންސަލް ކުރީ،" އޮފިޝަލް ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީސްތަކުގައި ވަނީ އެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ތެރެއިން ފާޅުގައި ނަގާ ހެކީންގެ ހެކިބަސް ނަގާފަ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ކުރިން ވިދާޅުވެފައި ވަނީ އެ މައްސަލައިގައި ފުރަތަމަ ނަގާނީ ފާޅުގައި ނަގަން ޖެހޭ ހެކީންގެ ހެކިބަސް ކަމަށާއި އެއަށް ފަހު ސިއްރުން ނަގާ ހެކީންގެ ހެކިބަސް ނަގާނެ ކަމަށެވެ.

އެ ތިން މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ދައުލަތުން އުފުލީ، ހުސޭނުބޭ މަރުވެފައި ވަނީ އެ މީހުން އޭނާ ރަހީނުކޮށްގެން އުޅެނިކޮށް ކަމަށް ބުނެ އެވެ. އަދި ވައްކަމުގެ ދައުވާ އުފުލާފައި ވަނީ ސެޕްޓެންބަރު 27، 2010، ވަނަ ދުވަހުގެ ރޭ 11:00ގައި ހުސޭނުބޭ ދިރިއުޅޭ ގެއިން 100000 އަށް ވުރެ ގިނަ ރުފިޔާ އާއި 1000 އަށް ވުރެ ގިނަ އެމެރިކާ ޑޮލަރާއި 20 ޔޫރޯ އާއި 11 ޕައުންޑާއި 10 އިންޑިއަން ރުޕީޒް ވަގަށް ނަފާފައިވާ ކަމަށް ބުނެ އެވެ.