17 Jun 2024, 22:52
ވޯކް ޕާމިޓާއެކު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ރަށެއްގައި މަސައްކަތްކުރާ ނަމަ، އެ ރަށަކުން ވެސް އިތުރު ޕާމިޓެއް ދޭންޖެހޭ ގޮތަށް ހަދާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިޙުސާން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހޯމް މިނިސްޓްރީންވަނީ "އޮޕަރޭޝަން ކުރަނގި" ފަށައިފައެވެ. އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އޮޕަރޭޝަން މިދިޔަ މެއިމަހުގެ ދެވަނަ ދުވަހު ފެށީ ކ. ހިންމަފުށިންނެވެ. މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ހުރިހާ މައުލޫމާތެއް އެއްކުރަން ވަނީ ނިންމައިފައެވެ.

އަލިފާންގެ ހާދިސާއެއްގައި ހާލުގައި ޖެހުނު ބިދޭސީން-- ސަން ފޮޓޯ: މުޙައްމަދު ހަމްޒާ
ކައުންސިލްތަކުގެ ގާނޫނުގައި ވަނީ އެ ރަށެއްގައި މަސައްކަތްކުރާ ބިދޭސީންގެ ދަފުތަރު ބަލަހައްޓަންޖެހޭނެ ކަމަށް ބަޔާންކޮށްފައެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މި ކަން ފާހަގަ ކުރައްވައި، މިނިސްޓަރު އިހުސާން ވިދާޅުވީ ރަށަކަށް އަރާ ބިދޭސީ މީހާއަކީ ކާކުކަން ދެނެގަނެވޭނެ ނިޒާމެއް ނެތް ނަމަ، ގާނޫނުގައި ބަޔާންކޮށްފައި އޮތަސް، އެ ކަން ނުވާނެ ކަމަށެވެ.
އެ ގޮތުން ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ދެވިފައިވާ ބިދޭސީން، ރަށެއްގައި މަސައްކަތް ކުރާނަމަ، އެ ރަށަކުން އިތުރު ޕާމިޓެއް ދޭންޖެހޭ ގޮތަށް ހަދަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމަށް ފަހު، އެ ޑޭޓާ ސިސްޓަމްގެ އެކްސަސް ކައުންސިލްތަކަށް ދިނުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
"އޭރުން ދަފުތަރު ބެލެހެއްޓޭނީ. އެހެންވީމަ މި މެކޭނިޒަމް ރަނގަޅަށް ސެޓު ކޮށްފައި، ކައުންސިލްތައް ވެސް އެމްޕަވާކޮށްފައި، ލޯ އެންފޯސްމެންޓުގައި ތިބޭ މީހުންނަށް ވެސް އެ ބާރު ލިބިގެން އެ ކަން ކުރެވޭނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާއިރު، ބިދޭސީ މީހާގެ ޓިކެޓު ގަނެވޭ ވަރަށް އޭނާގެ އަތުގައި ފައިސާ ނެތުމުގެ ސަބަބުން ޑިޓެންޝަން ކަސްޓަޑީގައި ބަހައްޓައިގެން އެ ބިދޭސީ މީހާއަށް ބޮޑެތި ހޭދަތަކެއް ކުރަންޖެހޭ ކަމަށެވެ.
"ޓިކެޓުގެ އަގު އަރައިފާނެ، 8،300 ރުފިޔާއަށް. އޭނަގެ ޑިޕޮސިޓުގައި ހުންނާނީ 8،000 ރުފިޔާ. އެއްކަލަ 300 ރުފިޔާ ދައްކާނެ ފަރާތެއް ނޭނގިގެން، އޭނަ މިތާ ކޮންމެ މަހަކު 30،000 ރުފިޔާ ޚަރަދުކޮށްލަކޮށްލައި ކަސްޓަޑީގައި އެބަ ބެހެއްޓޭ އަޅުގަނޑުމެންނަށް. 300 ރުފިޔާ ދައްކާނެ މީހަކު ނޭނގިގެން، ނުވަތަ އޭނާ ދޫކޮށްލަނީ،" މީގެ ކުރިން ބިދޭސީން ގައުމަށް ފޮނުވުމުގެ ކަންކަން އޮތް ހާލަތަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވިއެވެ.
ކުށްކުރުމުގެ ސަބަބުން ޑިޓެންޝަނުގައި ތިބޭ ބިދޭސީން ބަލަހައްޓަން މަހެއްގެ މައްޗަށް ބޮލަކަށް 27،000 ރުފިޔާ ޚަރަދުކުރަން ޖެހޭ ކަމަށް މިނިސްޓަރު މީގެ ކުރިންވަނީ ވިދާޅުވެފައެވެ. އެއީ ވަރަށް ބޮޑު އަގެއް ކަމަށާއި، އެ ބުރަ އުފުލަން ބޭނުން ނުވާ ކަމަށް މިނިސްޓަރު އޭރު އޮތީ ވިދާޅުވެފައެވެ.
އިހުސާން ވިދާޅުވި ގޮތުގައި މިހާރު ހައްޔަރުކުރެވޭ ބިދޭސީ މީހާގެ ސައްޙަ ލިޔެކިޔުން އޮވެއްޖެނަމަ، 48 ގަޑިއިރުގެ ތެރޭގައި އެ މީހަކު ދޫކޮށްލާނެއެވެ. އެހެން ނަމަވެސް ލިޔެކިޔުން ނެތް ހާލަތުގައި، އެ މީހަކު ނިސްބަތްވާ އެމްބަސީއަކާ މެދު ކުރާ މުއާމަލާތްތަކަށް އަދި ވެސް ގިނައިރު ނަގާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ ކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ, ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރުތެރޭ ހައްލުކުރައްވާނޭ ކަމަށް ހޯމް މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވެއެވެ.