17 Jun 2024, 21:02
ޔޫރޯ 2024ގެ ގްރޫޕު އީގައި ޔޫކްރެއިން އަތުން ރުމޭނިއާ ފަސޭހަ މޮޅެއް ހޯދައިފިއެވެ.
ބަޔާން މިއުނިކުގެ ރަސްމީ ދަނޑު ކަމަށްވާ އެލައިންޒް އެރީނާގައި ކުޅުނު މި މެޗު ރުމޭނިއާއިން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ.
ރުމޭނިއާއިން ވަނީ މުބާރާތުގެ ކުރިން ކުޅުނު ކޮލިފައިން ބުރުގައިވެސް މޮޅު ކުޅުމެއް ކުޅެފައެވެ. އަދި މުބާރާތާ ކުރިމަތިލީ ރަނގަޅު ފޯމެއްގައެވެ. މެޗުގައި ރުމޭނިއާއިން ލީޑު ނަގާފައިވަނީ މެޗުގެ 29 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ޓީމުގެ ކެޕްޓަން ނިކޯލައެ ސްޓަންޗޫ އެވެ.
ރުމޭނިޔާއިން ދެވަނަ ލަނޑު ޖެހީ ކައުންޓަ އެޓޭކެއްގައި ކުރިއަށް އަރައި ތަނަވަސްކުރި ފުރުސަތެއްގައެވެ. އޭރިއާގެ މާ ބޭރުން ގޯލްގެ ތިރީ ކަނަށް ފޮނުވާލައިގެން ދެވަނަ ލަނޑު ޖެހީ ރަޒްވާން މަރިން އެވެ.
ރުމޭނިއާއިން ތިންވަނަ ލަނޑު ޖެހީ މެޗުގެ 57 ވަނަ މިނެޓުގައެވެ. ޑެނިސް މޭން މުޅިން ހުސްކޮށްލާފައި ގޯލް އޭރިޔާ ތެރޭގައި ހުރި ޑެނިސް ޑްރަގޫސްއަށް ޖައްސާލުމުން އޭނާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ.
މެޗުގައި ޔޫކްރެއިނަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން 64 ވަނަ މިނިޓްގައި ކެޕްޓަން ޔާމޮލެންކޯ އޭރިޔާ ތެރެއިން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.
މިއީ 24 އަހަރުގެ ތެރޭގައި ރުމޭނިޔާއިން ޔޫރޯގައި ހޯދި ފުރަތަމަ މޮޅެވެ. މިގްރޫޕްގައި ދެން އޮތީ ބެލްޖިއަމްއާއި ސްލޮވާކިޔާ ވާދަކުރާ މެޗެވެ.