17 Jun 2024, 19:06
ގިނަ އަދަދެއްގެ ކެނެބިސް ގެންގުޅުނު މީހެއް 25 އަހަރަށް ޖަލަށްލައި، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ މާލެ، މ. އިރާކުމާގެ މުޙައްމަދު ލަމްޢާން ޞަބާހްގެ މައްޗަށެވެ.
މި މައްސަލައިގައި ދައުލަތުން ހުށަހެޅި ދައުވާގައިވަނީ ހ. ދިއްގާމާގޭގެ ތިންވަނަ ފަންގިފިލާގައި މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރިކުރާކަމުގެ އިންޓެލިޖެންސް މައުލޫމާތު ފުލުހުންނަށް ލިބުނު ކަމަށެވެ. މި މައުލޫމާތު ލިބުމާއެކު މިދިޔަ އަހަރުގެ އޮގަސްޓު 31ގެ 21:14ގައި ބުރުޒުމަގުގައި ހުންނަ ކޮފީކޯނާ ކައިރީގައި ލަމްޢާން ހުއްޓައި، ފުލުހުންވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކޮށްފައެވެ.
ދިއްގާމާގޭގެ ތިންވަނަ ފަންގިފިލާގައި ލަމްޢާން ދިރިއުޅޭ އެޕާޓްމެންޓްގައި ގާނޫނާ ޚިލާފަށް އެއްވެސް އެއްޗެއް ހުންނާނެތޯ ފުލުހުން ސުވާލު ކުރުމުން، އެ ކޮޓަރީގެ ކަބަޑުގައި މަސްތުވާތަކެތި ހުންނާނެ ކަމަށް އޭނާ ބުނެފައިވާކަމަށް ދައުވާގައިވެއެވެ.
ފުލުހުން އެ ތަން ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 225 ސެލޯފިންކޮޅު ފެނިފައިވާ ކަމަށާއި، އެ ސެލޯފިންކޮޅުތަކުގައި ޖުމްލަ 138.6 ގްރާމްގެ ކެނެބިސްހުރި ކަމަށް، އެ ތަކެއްޗާ ގުޅޭ ތަހުލީލު ރިޕޯޓާ ހަވާލާދީ ދައުލަތުން ބުނެފައިވެއެވެ.
މި މައްސަލައިގައި ދައުލަތުން ލަމްޢާނުގެ މައްޗަށް ކުރީ ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާއެވެ.
އެހެން ނަމަވެސް އެ ދައުވާއަށް އިންކާރުކޮށް އޭނާ ކޯޓުގައި ބުނެފައިވަނީ އެއީ އޭނާގެ އަންހެނުންގެ ބޭބެ ބަހައްޓާފައިވާ ތަކެތި ކަމަށެވެ.
މި މައްސަލައިގައި ލަމްޢާނުގެ އިތުރުން ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކަށް ރިޢާޔަތްކުރުމަށްފަހު، ލަމްޢާންގެ ކޮޓަރިން ފެނުނު މަސްތުވާތަކެއްޗަކީ އޭނާ ބަހައްޓާފައިވާ ތަކެތި ކަމަށް ޝައްކެއް ނެތި ދައުލަތުން ސާބިތުކޮށްދީފައިވާތީ، ޝަރީއަތުން ކަނޑައެޅީ ލަމްޢާނުގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ލަމްޢާނުގެ މައްޗަށް ހުކުމްކުރީ 25 އަހަރަށް ޖަލަށްލުމަށެވެ. އަދި 100،000 ރުފިޔާއިން އޭނާ ޖޫރިމަނާކޮށް، އެ ފައިސާ 13 ޖޫންއިން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށެވެ. އަދި މި މައްސަލައިގައި ހުކުމުގެ ކުރީން، އޭނާ ބަންދުގައި ހުރި މުއްދަތު ޖަލު އަަދަބުން އުނިކުރުމަށެވެ.
ރާއްޖޭގައި އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލައެވެ.
އެހެންވެ، މަސްތުވާތަކެތީގެ ވިޔަފާރިއަށް ވަންނަ މީހާ "ބިރުގަންނަވަރު ކުރަންޖެހޭ" ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާންވަނީ މީގެ ކުރިން ފުލުހުންނަށް ވިދާޅުވެފައެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް މަސްތުވާތަކެތީގެ 718 މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.