އަޟްހާ ޢީދާއި ބައްޕައިންގެ ދުވަހާ ގުޅުވައިގެން ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީބީސީ)އިން "ސުޕަހީރޯ"ގެ ނަމުގައި ކުރުފިލްމެއް ނެރެފިއެވެ.

ބީސީސީން ތައްޔާރުކޮށްފައިވާ ސުޕަހީރޯ ކުރު ފިލްމުން ދައްކުވައިދެނީ ފްރީލާންސް މަސައްކަތްތެރިންގެ ބުރަ މަސައްކަތާއި އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކެވެ.

މި ފިލްމުގައި ފެންނަނީ ވީޑިއޯ ހަދައި ފްރީލާންސް މަސައްކަތްތެރިއަކަށް އޭނާގެ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކެވެ. އެގޮތުން، ކުރާ މަސައްކަތަށް އެންމެ އެކަށިގެންވާ އުޖޫރައެއް ނުލިބުމަކީ ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް އެ ފިލްމުގައި ދައްކުވައިދެއެވެ.

މީގެ އިތުރުން ވެސް އެ މީހުން ކުރާ މަސައްކަތް ބަލައި ނުގަތުމާއި މަސައްކަތް ނިންމުމުން ވެސް އެއަށް ފައިސާ ހޯދަން އުޅެންޖެހޭ ދަތި ހާލު މި ފިލްމުގައި ދައްކުވައިދެއެވެ. ޚާއްސަކޮށް ފްރީލާންސް މީހުން ލައްވައި މަސައްކަތް ކުރުވުމަށް ފަހުގައި އެ މީހުންނަށް ދޭންވާ އުޖޫރަ ނުދިނުމުގެ ސަބަބުން އެ މީހުންގެ ދިރިއުޅުމަށް ދިމާވާ ދަތިތައް މި ފިލްމުގައި ވަރަށް އަސަރާ އެކު ދައްކުވައިދެއެވެ.

ބީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ސާމިހް އާދަމް ވިދާޅުވީ، ބޮޑެތި ވިޔަފާރިތަކާއި އޮފީސްތަކަށް ބަރޯސާނުވެ އަމިއްލައަށް މަސައްކަތްކޮށްގެން ފައިސާ ހޯދާ މީހުން މިހާރު ވަރަށް ގިނަ ކަމަށެވެ.

އެކަމަކު، އެ މީހުންނަށް ގޮންޖެހުން ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންވެ، ބީސީސީގެ ކުރު ވީޑިއޯގެ ބޭނުމަކީ އެ މީހުން ކުރާ މަސައްކަތް ބަލައިގަނެ، އެއީ ވެސް ވިޔަފާރި ސިނާއަތަށް މުހިންމު ޚިދުމަތްތެރިންކަން ބުނެދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކުދި ވިޔަފާރިތަކަށް އެއްބާރުލުންދީ، އެ މީހުންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރަން އިކޮނަމިކް މިނިސްޓްރީއާއި ގުޅިގެން ބީސީސީން އަންނަނީ މަސައްކަތްކުރަމުންނެވެ. ބީސީސީގެ އަމާޒަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި އެފަދަ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރުމެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނަކީ ކުދި ވިޔަފާރިތައް ކުރިއަރުވާ، އެފަދަ ވިޔަފާރިތަކަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރާ ސަރުކާރުގެ ކުންފުންޏެކެވެ.