އަތޮޅު ތެރޭގެ ސިއްހީ ހިދުމަތް ކުރީގައި ހުރި ފެންވަރަށް ރަނގަޅު ކުރެއްވުމުގެ މަސައްކަތް ކުރައްވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދާ ހަވާލާދެއްވައި ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމުން ރައްޔިތުންގެ ކަންބޮޑުވާ ކަންކަމާ ގުޅޭ ގޮތުން ސަރުކާރުގެ އެކި އިދާރާތަކާ އެކު ކުރިއަށްދާ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން މިއަދު ހެލްތު މިނިސްޓަރާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިން ނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ކުރީގެ ހެލްތު މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އަނީސާ އަހުމަދު މިއަދު ވިދާޅުވީ ސިއްހީ ދާއިރާގައި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ދަތިވާ ކަންތައްތަކާ މެދު މަޝްވަރާކުރެވުނު ކަމަށާއި ހާއްސަކޮށް އަތޮޅުތެރޭގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ކުރިން ހުރި ފެންވަރަށް އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގެ ހިދުމަތުގެ ފެންވަރު ގެންދެވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ޖަމްޝީދު ވިދާޅުވި ކަމަށެވެ.

"އަތޮޅުތަކުގެ ސިއްހީ ހިދުމަތްތައް ކުރިން ހުރި ފެންވަރަށް އަނބުރާ ރުޖޫއު ކުރުމުގެ މަސައްކަތްތަކެއް މިހާރު ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި. އަދި މާލަހެއް ނުވެ އެކަންކަން ހައްލުކުރުމުގެ މަސައްކަތް ނިމިގެންދާނެ ކަމަށް ވެސް ވަނީ ވިދާލުވެފައި،" އަނީސާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާސަންދައިގެ ދަށުން ބޭސް ހޯދުމުގައި ވެސް މިހާރު ދިމާވެފައިވާ ދަތިތަކަށް ކޮންމެ ވެސް ވަރެއްގެ ހައްލެއް ގެނެސް އަތޮޅުތަކަކުގެ ފާމަސީތަކުން ބޭސް ލިބޭނެ ގޮތްތަކާއި ގުޅޭ ގޮތުން ވެސް ވާހަކަތައް ދެކެވުނު ކަމަށާއި ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ފެންވަރު ރަނގަޅުކޮށް ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތަށް ރަނގަޅުކުރެވޭތޯ މަސައްކަތްތަކެއް ފައްޓަވައިގެން ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމްގެ ފަރާތުން މީގެ ކުރިން ވަނީ އާސަން ދަ ޕްރައިވެޓް ލިމިޓެޑާއި އަދި ސްޓެލްކޯއާ ވެސް ބައްދަލުކޮށްފަ އެވެ