17 Aug 2010, 05:53
10:55
މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދަށް ވުރެ މި އަހަރުގެ ޖުލައި މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 29.1 ޕަސެންޓް އިތުރުވެ، އިތުރުވި އަދަދު 12900 އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ ނުރުނު ތަފާސްހިސާބު ލިސްޓެއްގައިވާ ގޮތުން ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޖަރުމަނު، އިނގިރޭސި ވިލާތް، އިޓަލީ ވިލާތުގެ ތެރެއިން، އިޓަލީ ވިލާތް ފިޔަވައި އަނެއް ދެ ގައުމުން މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު ވަނީ މައްޗަށް ގޮސްފަ އެވެ. އިނގިރޭސި ވިލާތުން އައި ޓޫރިސްޓުންގެ ނިސްބަތް 13.2 ޕަސެންޓް، ޖަރުމަނުން އައި މީހުންގެ އަދަދު 10.8 ޕަސެންޓްގެ ކުރިއެރުމެއް ހޯދި އިރު އިޓަލީ ވިލާތުން އައި ޓޫރިސްޓުންގެ ނިސްބަތް ވަނީ 10.2 ޕަސެންޓް ދަށަށް ގޮސްފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު އިއްޔެ ވިދާޅުވީ މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އިތުރުވެފައި ވަނީ ދުނިޔޭގެ އިގްތިސާދު މިދިޔަ އަހަރު ފުން ވަޅުގަނޑެއްގައި އޮތުމަށް ފަހު، އިގުތިސާދަށް ދިރުން އަންނާތީ ކަމަށް ލަފާ ކުރެވޭތީ ކަމަށެވެ.
އިޓަލީ ވިލާތުގެ މާކެޓް ވެއްޓެން ދިމާވީ ކީއްވެގެން ކަން އަދި ހޯދިފައި ނުވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލު ވިދާޅުވި އެވެ.
މިދިޔަ މަހު ރާއްޖެ އަށް ޖުމުލަ 57232 ޓޫރިސްޓުން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ރެކޯޑްތަކުން ދައްކަ އެވެ.