17 Jun 2024, 08:59
ޔޫރޯ 2024 ގެ ގްރޫޕު ސީގައި އުއްމީދީ ތަރި ބެލިންހަމް ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑާ އެކު ސާބިއާ އަތުން އިންގްލެންޑް އުނދަގޫ މޮޅެއް ހޯދައިފިއެވެ.
މެޗުގައި އިނގިރޭސި ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގައެވެ. ބެލިންހަމް އަކީ މެޑްރިޑާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ލަލީގާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް ހޯދި 20 އަހަރުގެ ކުޅުންތެރިޔާއެވެ.
މި ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ބެލިންހަމް ޖެހީ ބުކަޔޯ ސަކާ އަރިމަތިން ނަގައިދިން ހުރަސް ގޯލް އޭރިއާ ތެރެއަށް ވަދެ ކީޕަރުގެ ދުރު ކަނަށް ބޮލުން ޖަހާ ފޮނުވާލައިގެންނެވެ.
އިނގިރޭސީން މޮޅުވި ނަމަވެސް ސާބިއާ ވަނީ މި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އަދި، ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ވެސް ވަނީ ތަނަވަސްކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފް ނިމެން ގާތްވެފައި ވަނިކޮށް ސާބިއާގެ ކޮސްޓިކަށް އަނިޔާވެ ބަދަލުކުރަން ޖެހުމުން ޓީމަށް މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވުނަސް، ދެވަނަ ހާފުގައި ސާބިއާ ފެނުނީ ފުރަތަމަ ހާފަށްވުރެ ރަނގަޅަށެވެ.
މެޗުގައި އިނގިރޭސި ޓީމަށް ލީޑު ފުޅާކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ހެރީ ކޭންއަށެވެ. މެޗުގެ 76 ވަނަ މިނިޓްގައި ގޯލް އޭރިޔާ ތެރެއަށް ހުރަސްކުރި ބޯޅަ ހެރީ ކޭން ބޮލުން ފޮނުވާލުމުންް ސާބިޔާގެ ކީޕަރު ވަނީ އެ ބޯޅައިގައި އަތުން ޖައްސާފައެވެ.
މެޗުގެ ފަހުކޮޅު ސާބިއާއަށް ނަތީޖާ ހަމަހަމަކުރަން ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. ޑީއޭރިޔާ ބޭރުން ވުލަހޮވިޗް ފޮނުވާލި ބާރު ބޯޅަ ދިފާއުކުރީ ކީޕަރު ޕިކްފޯޑެވެ.
މި ގްރޫޕްގައި ދެން ހިމެނެނީ ޑެންމާކާއި ސްލޮވީނިޔާއެވެ. އެ ދެ ޓީމު ވާދަކުރި މެޗު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ.