17 Jun 2012, 14:08
އިނގިރޭސި ގައުމީ ޓީމު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްވިޑްންއާ ބައްދަލުކުރި މެޗުގެ ކުރިން ރޭވިހުރިހާ ރޭވުމެއް ސްވިޑްންގެ ނޫސްވެރިއަކު ވަގަށް ނަގައިފި އެވެ.
އޮލާބިލިޖާ ކިޔާ ނޫސްވެރިޔާ ބުނީ އިނގިރޭސި ޓިީމުގެ ރޭވުންތައް އެނގުވުމުން ސްވިޑްންގެ ފުޓްބޯޅަ އެސޯސިއޭޝަނާ އެ މައުލޫމާތު ހިއްސާކުރި ކަމަށެވެ.
ޕޮލެންޑްގައި އިނގިރޭސި ޓީމު ތިބޭ އޮޕެރާ ހޮޓަލުގައި ހުރި ނޫސްވެރިޔާ ބުނީ ކޯޗު ރޯއި ހޮޑްސަންގެ ގޭމް ޕްލޭން އޭނާ އަށް އެނގުނީ އިނގިރޭސި ކޯޗިން ސްޓާފުން މެޗު ކުޅޭނެގޮތް ރޭވަން ހޮޓަލުގެ ތިން ވަނަ ފްލޯ ތިބި މީޓިން ރޫމުގެ މަތީގައި ހަރުކޮށްފައިވާ ބިއްލޫރި ގަނޑުން އެތަނުގެ ތެރެ ފެނުމުން ކަމަށެވެ.
"އެއްވެސް އަޑެއްނީވޭ. އެކަމަކު ވަރަށް ސާފުކޮށް މަންޒަރުފެނޭ. ދައްކަމުންދިޔަ ވީޑިއޯ ތަކުންނާއި ޓެކްޓިކަލް ބޯޑުން ޔަގީންވި އެއީ މެޗުގެ ވާހަކަކަން އަދި ފުރަތަމަ 11ވެސް. ދައްކަމުންދިޔަ ވާހަކަތަކަށް ބަލާއިރު ޔަގީންވި އެއީ އިނގިރޭސި ޓީމު ސްވިޑްންގެ ޑިފެންސްލައިނުގައި ހަރަކާތްތެރިވާނެގޮތްކަން. އަދި ކޯނަރުތަކުގައި ސްވިޑްން ހަމަދާނެ ގޮތްކަން ވެސް،" ނޫސްވެރިޔާ އިނގިރޭސި މީޑިޔާއާ އެވާހަކަ ހިއްސާ ކުރަމުން ބުނެފައިވެ އެވެ.
އޭނާ ބުނީ އެ ބައްދަލުވުމުގައި އޮކްސްލޭޑް ޗެމްބަލައިން ނުކުޅެނޭ ކަމާއި ކުރީގައި ކުޅޭނީ އެންޑީ ކެރޯލްކަން ވެސް ޔަގީންވި ކަމަށެވެ.
އޭނާ ބުނީ އިނގިރޭސި ކޯޗިން ސްޓާފުން ބޭއްވި މީޓިން 40 މިނިޓް ވަންދެން ބެލިކަމަށެވެ. އަދި ކޮންމެސް މީހަކު ފަހުން މީޓިން ރޫމުގެ ބިއްލޫރިގަނޑު ބަންދުކޮށްލި ކަމަށެވެ.
"ފަހަރުގައި ވެދާނެ އެމީހުންނަށް ހީވީ ކަމަށް އަހަރުމެން ބަލަނީ ހެންވެސް. އެކަމަކު އަހަރުމެންގެ ނޫހަށް ލިބުނީ ވަރަށް ރަނގަޅު ސްޓޯރީއެއް. އެ މައުލޫމާތު ސްވިޑްން އެފްއޭއަށް ގުޅާފައި ދިނިން،" ނޫސްވެރިޔާ ބުންޏެވެ.