16 Jun 2024, 21:13
އަޟްހާ އީދުގެ މުނާސަބަތުގައި ބަންދުކޮށްފައި އޮތް މި ހަފުތާގެ ފަހު ދުވަސްތަކުގައި ވިއްސާރަކޮށް، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައިވަނީ ކުރިއަށް އޮތް ފަސް ދުވަހަށް މޫސުން ލަފާކުރެވޭ ގޮތް ހިއްސާކޮށްފައެވެ.
އެ ޕޯސްޓުގައިވާ ގޮތުން ހޯމަ ދުވަހާއި އަންގާރަ ދުވަހު ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެއެވެ. އަދި ބުދަ، ބުރާސްފަތި، ހުކުރު ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށިގެންވާ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް އެ ޕޯސްޓުގައިވެއެވެ.
އެ ދުވަސްތަކުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8-18 މޭލު ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35-40 މޭލަށެވެ.
އެހެންވެ، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ 3-7 ފޫޓާ ދެމެދުގައި ކަމަށް މެޓް އޮފީހުން ބުންޏެވެ.
އަޟްހާ އީދު ދުވަހަކީ މިއަދު ކަމަށްވާއިރު މުޅި މި ހަފުތާގައި ހިމެނެނީ ރަސްމީ ބަންދު ދުވަސްތަކެވެ. އެހެންވެ، މިދިޔަ ހަފުތާ ބަންދު ތެރޭގައި މީހުން ވަނީ ރާއްޖެ ތެރެއާއި ރާއްޖެއިން ބޭރަށް ޗުއްޓީއަށް ފުރަން ފަށައިފައެވެ.
އެ ޗުއްޓީ ނިންމާލުމަށް ފަހު ގިނަ އަދަދެއްގެ މީހުން މި ހަފުތާގެ ފަހުކޮޅާއި ކުރިއަށް އޮތް ހަފުތާ ބަންދުގައި އަނެއްކާވެސް ދަތުރުތައް ކުރާނެއެވެ.
ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ކުލަގަދަކޮށް އީދު ފާހަގަކުރާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވާއިރު، މާލެ ސަރަހައްދު ހިމެނޭހެން ގިނަ ރަށްތަކުގައި މިފަހަރު ސަގާފީކޮށް އީދު ފާހަގަކުރަމުންދެއެވެ.