ދިމިޝްގު (ޖޫން 17): ސޫރިޔާގައި ޙަރަކާތްތެރިވާ އދ.ގެ އޮބްޒާވަރުންގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލައިފި އެވެ. ސޫރިޔާގައި ހުންނަވާ އދ.ގެ ސުލްހައިގެ އޮބްޒާވަރުންގެ ޓީމުގެ ވެރިޔާ ރޮބަޓް މޫޑް ވިދާޅުވީ އޮބްޒާވަރުންގެ މަސައްކަތް ހުއްޓާލީ ވަގުތީ ގޮތުން ކަމަށާއި ނަމަވެސް މަސައްކަތް އަލުންފަށާނެ މުއްދަތެއް އަދި ކަނޑައަޅާފައިނުވާ ކަމުގަ އެވެ.

އޮބްޒާވަރުންގެ މަސައްކަތް ހުއްޓާލީ ސޫރިޔާގައި ހިންގާ އަނިޔާވެރި ޢަމަލުތަކާއި ލޭއޮހޮރުވުންތަކުގެ ސަބަބުން އދ.ގެ އޮބްޒާވަރުންގެ މަސައްކަތް ކުރިއަށްގެން ދިއުމަށް ހުރަސްއެޅިފައިވާ ކަމަށް އދ. އިން ބުނެފައި ވަނިކޮށެވެ. އޮބްޒާވަރުންގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލި ނަމަވެސް ސޫރިޔާގައި ހިންގާ ހަމަނުޖެހުންތައް ހުއްޓުމަށް އދ. އިން ކުރާ މަސައްކަތްތައް ކުރިޔަށް ދާނެ ކަމަށް ރޮބަޓް މޫޑް ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އޮބްޒާވަރުންގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލީ ސޫރިޔާގެ މިވަގުތުގެ މަސްރަޙު ހުރި ގޮތުން އެމީހުންގެ ފުރާނަ އަށް ނުރައްކާވާ ހިސާބަށް ކަންތައްތައް ދިޔުމުންނެވެ. ކޯފީ އަނާންގެ ސުލްހައިގެ ޕްލޭންސޫރިޔާގައި ތަންފީޒު ކުރުމަށްޓަކައި ސޫރިޔާގައި އދ.ގެ 298 އަސްކަރީ އޮބްޒާވަރުންނާއި އެ މީހުންނަށް އެހީތެރިވުމަށް މަދަނީ މުވައްޒަފުންގެ 100 އަށް ވުރެ ގިނަ މީހުން ހަރަކާތްތެރިވެ އެވެ.

ސޫރިޔާގައި މިހާރުދަނީ ހަމަނުޖެހުންތައް އާދަޔާ ޚިލާފަށްބޮޑުވެ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް އާންމުވަމުން ކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންނާއި އދ. އިން ބުނެ އެވެ. ސޫރިޔާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އިއްޔެ ވެސް 77 މީހުން މަރުވެފައިވާ ކަމަށް ޚަބަރު ލިބެ އެވެ. (އަލްޖަޒީރާ)