ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ން އިންތިޚާބަކައިނުލާ ތިން ބައި-އިލެކްޝަނެއް ކާމިޔާބުކުރިކަން އިލެކްޝަންސް ކޮމިޝަން (އީސީ)ން އިއުލާނުކޮށްފިއެވެ.

އިންތިޚާބަކައިނުލާ ޕީއެންސީން ކާމިޔާބުކުރީ، ޅ. އަތޮޅު ކައުންސިލް ރައީސްގެ ގޮނޑިއާއި، ރ. ހުޅުދުއްފާރު ކައުންސިލްގެ މެންބަރުކަމާއި ޅ. ހިންނަވަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމެވެ.

އެގޮތުން، ޅ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް ވާދަކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު ސަނީ އެކަންޏެވެ. އެ އަތޮޅު ހިންނަވަރު އަންހެނުންގެ ކޮމިޓީގެ މެންބަރުކަމަށް ވެސް ވާދަކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓު ފާތިމަތު މޫސާ އެކަންޏެވެ. ރ. ހުޅުދުއްފާރު ކައުންސިލްގެ މެންބަރަކު އިންތިޚާބުކުރަން ބޭއްވި ބައި-އިލެކްޝަންގައި ވެސް ވާދަކޮށްފައިވަނީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި އަބްދުﷲ ސާމިހު އެކަންޏެވެ.

އީސީން ބުނީ، މި ތިން ގޮނޑިއަށް ވާދަކުރަން އެ ކޮމިޝަނުން ހުޅުވައިލި ފުރުސަތުގައި އިތުރު އެއްވެސް ކެންޑިޑޭޓަކު ވާދަކޮށްފައިނުވާ ކަމަށެވެ. އެހެންވެ، އެ ތިން ބައި-އިލެކްޝަން ވެސް ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކުރިކަން އީސީން ވަނީ އިއުލާނުކޮށްފައެވެ.

މި ތިން ގޮނޑިއަށް ވެސް ބައި-އިލެކްޝަން ބާއްވަން އީސީން ނިންމާފައިވަނީ އަންނަ މަހުގެ 20 ގައެވެ.

އެކަމަކު، އޭގެ ތެރެއިން ތިން ބައި-އިލެކްޝަން އިންތިޚާބަކައިނުލާ ޕީއެންސީން ކާމިޔާބުކުރުމާ އެކު އެ ދުވަހު އޮންނާނީ:

  • ފ. ބިލެތްދޫ ކައުންސިލްގެ ރައީސް އިންތިޚާބުކުރުން

  • ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާގެ ކައުންސިލަރު އިންތިޚާބުކުރުން
  • މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިންތިޚާބުކުރުން
  • މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލް މެންބަރު އިންތިޚާބުކުރުން
  • މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެންބަރު އިންތިޚާބުކުރުން
  • ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބުކުރުން

މާލޭ ސިޓީ ކައުންސިލްގެ ގިނަ ގޮނޑިތަކެއް ހުސްވެފައިވަނީ އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މިދިޔަ ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވައި، ގޮނޑި ކާމިޔާބުކުރެއްވުމުންނެވެ.