16 Jun 2024, 12:58
އިނގިރޭސި ޕްރިމިއާ ލީގުގެ ބްރައިޓަން އެންޑް ހޯވް އެލްބިއަންގެ އާ ކޯޗަކަށް ފަބިއަން ހާޒެލާ ހަމަޖައްސައިފިއެވެ.
އުމުރުން 31 އަހަރުގެ ހާޒެލާ ވެފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ފުލްޓައިމްކޮށް ކޯޗުކޮށްދޭ އެންމެ ޒުވާން ކޯޗަށެވެ. ހާޒެލާވަނީ ބްރައިޓަންއާ އެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ހާޒެލާ އެންމެ ފަހުން ކޯޗުކަން ކޮށްދީފައިވަނީ ޖަރުމަނު ބުންޑެސްލީގާ ޓޫގެ ސެއިންޓް ޕޯލީއަށެވެ. އޭނާގެ ކޯޗުކަމުގެ ދަށުން ޕޯލީވަނީ މިދިޔަ ސީޒަންގައި ބުންޑެސްލީގާ ޓޫގެ ޗެމްޕިއަންކަން ހޯދާ ބުންޑެސްލީގާއަށް ޕްރޮމޯޓްވެފައެވެ.
ބްރައިޓަންގެ ޗެއާމަން ޓޯނީ ބްލޫމް ބުނީ، ސެއިންޓް ޕޯލީގައި ހާޒެލާ ކޮށްފައިވާ މަސައްކަތަށް ބަލާއިރު އޭނާ ފާހަގަވެގެންދިޔައީ ބްރައިޓަންގައި ހުސްވެފައިވާ ކޯޗުގެ މަގާމަށް އެންމެ އެކަށީގެންވާ ކެންޑިޑޭޓަށެވެ. ހާޒެލާގެ މަސައްކަތް އޭނާއަށް ވޯކް ޕާމިޓް ހަމަޖެހުނުހާ އަވަހަކަށް ފަށާނެ ކަމަށާއި އަންނަ މަހު ބްރައިޓަންގެ ޓީމު އާ ސީޒަނަށް އެނބުރި އަންނައިރު އޭނާ ހުންނާނީ އެ ކަމަށް ފުރިހަމައަށް ތައްޔާރަށް ކަމަށް ވެސް ބްލޫމް ބުންޏެވެ.
ބްލޫމް އިތުރަށް ބުނީ، ހާޒެލާ ގެންގުޅޭ ކުޅުމުގެ ސްޓައިލް ބްރައިޓަންއާ ވަރަށް ގުޅޭ ކަމަށާއި އެހެންކަމުން ގެނައި ބަދަލު ކްލަބްގެ ސަޕޯޓަރުން ބަލައިގަންނާނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރެވޭ ކަމަށެވެ.
ބްރައިޓަންއިން އާ ކޯޗެއް ހޯދާފައިވަނީ އެ ޓީމުގައި ވޭތުވެދިޔަ ދެ ސީޒަންގައި ހުރި ކޯޗު ރޮބާޓޯ ޑި ޒާބީ މިދިޔަ ސީޒަން ނިމުމާ އެކު ކްލަބް ދޫކޮށްލާފައިވުމުންނެވެ.
ޕްރިމިއާ ލީގުގެ ޓޮޓްނަމް ހޮޓްސްޕާގައި 2021 ވަނަ އަހަރު ވަގުތީ ގޮތުން ކުޑަ ދުވަސްކޮޅެއްގައި އުމުރުން 29 އަހަރުގެ ރަޔަން މޭސަން ކޯޗުކޮށްދިން ނަމަވެސް ހާޒެލާ ވެފައިވަނީ 1992 ވަނަ އަހަރު ޕްރިމިއާ ލީގު އުފެދުނު ފަހުން އެ ލީގުގައި ކޯޗުކޮށްދޭ ދާއިމީ އެންމެ ޒުވާން ކޯޗަށެވެ.
ބްރައިޓަންއަށް ބަލާލާއިރު އެ ޓީމުގައި ހާޒެލާއަށް ވުރެ ދުވަސްވީ ސީނިއާ ބައެއް ކުޅުންތެރިން އެބަ ތިއްބެވެ. މީގެ ތެރޭގައި ކެޕްޓަން އުމުރުން 32 އަހަރުގެ ލުވިސް ޑަންކް، 33 އަހަރުގެ ޑެނީ ވެލްބެކް އަދި 38 އަހަރުގެ ޖޭމްސް މިލްނާ ހިމެނެއެވެ.
ހާޒެލާ ބުނީ، ބްރައިޓަން ކަހަލަ ކްލަބަކާ އެކު މަސައްކަތް ފެށުމަށް ކެތްމަދުވެފައި ހުރި ކަމަށެވެ.
ހާޒެލާއާ އެކު އޭނާގެ ބެކްރޫމް ސްޓާފުން ބްރައިޓަންއާ ގުޅުމަށް ހަމަޖެހިފައިވާއިރު ބްރައިޓަންގެ ފަސްޓް ޓީމު ކޯޗު އެންޑްރޫ ކްރޮފްޓްސްއާއި ގޯލް ކީޕާ ކޯޗު ޖެކް ސްޓާން އެ ޓީމުގައި ތިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.