ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކާ ދެކޮޅަށް ޖަރުމަނު ކުޅޭ މެޗަކީ ފޯވަޑް ލޫކާސް ޕްޑޮލްސްކީ ކުޅެފިނަމަ ތާރީހީ ރެކޯޑެއް ލިބިގެންދާނެ އެވެ.

މި މެޗަކީ އޭނާ ގައުމީ ޓީމަށް ކުޅެދޭނެ 100 ވަނަ މެޗެވެ. އަދި މި މެޗާއެކު އުމުރުން 27 އަހަރުގެ ކުޅުންތެރިޔާ ވެގެންދާނީ ޔޫރަޕުގައި އެންމެ ޒުވާން އުމުރެއްގައި ގައުމީ ޓީމަށް 100 މެޗު ކުޅެދިން ކުޅުންތެރިޔާ އަށެވެ.

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅުމަށް ފަހު ނިމިދިޔަ އަހަރު ކޮލޯން އަށް ކުޅުނު ޕްޑޮލްސްކީ އަންނަ ސީޒަނުގައި ފެނިގެންދާނީ އިނގިރޭސިވިލާތުގެ އާސެނަލް އިންނެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 43 ގޯލު ޖަހައިދީފަ އެވެ. ޕްޑޮލްސްކީ ވަނީ 2006 ވަނަ އަހަރުގެ ވޯލްޑްކަޕުގެ އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.