ޔޫރޯ ފުޓްބޯޅަ މުބާރާތުން ރަޝިޔާ ކެޓީ ލިބުނު ފުރުސަތުތައް ބޭކާރުކޮށްލުމުން ކަމަށް ކޯޗު ޑިކް އެޑްވޮކާޓް ބުނެފި އެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޗެކް ރިޕަބްލިކް ކޮޅަށް ހަތަރު ގޯލު ޖެހި ރަޝިޔާ އަށް އޭގެ ފަހުން ޖެހުނީ ޕޮލެންޑް ކޮޅަށް ޖެހި ގޯލު އެކަންޏެވެ. އަދި ރޭ ގްރީސްއާ ދެކޮޅަށް އެ ގައުމުން ވަނީ ގިނަ ހުސްފުރުސަތުތަކެއް ބޭކާރުކޮށްލާފަ އެވެ. ފުރަތަމަ ހާފުގައި އެކަނި ވެސް 17 ޝޮޓްނެގި އިރު ގޯލާ އަމާޒު ކުރެވުނީ އެންމެ ބޯޅަ އެކެވެ.

ކޯޗު އެޑްވިޮކާޓް ބުނީ އޭނާގެ ޓިމު ރަނގަޅަށް ކުޅޭ ކަމަށާއި ހުސް ފުރުސަތުތައް ވެސް ހޯދި ކަމަށާއި ނަމަވެސް ލަނޑު ނުޖެހޭނަމަ ކުރާނެ ކަމެއް ނޯންނާނެ ކަމަށެވެ.

"އަހަރުމެން ތަފާތުބޮޑުކޮަށް މޮޅުވާން ފުރުސަތު ލިބުނު. މޮޅަށް ކުޅެފައި ގޯލު ޖަހަން ޖެހޭނެ. އެކަމަކު އެކަމެއްނުވި،" ކޯޗު ބުންޏެވެ.

ގްރީސް އަތުން 1-0 އިން ބަލިވެ ރަޝިޔާ ކެޓީ ދެ ޓީމު ޕޮއިންޓްގެ ގޮތުން ހަމަހަމަވެ، ދެ ޓީމު ކުޅުނު މެޗުގެ ނަތީޖާއިން ގްރީސް އަށް ކުރި ލިބުމުންނެވެ.