15 Jun 2024, 21:06
ޙައްޖު ދުވަހު, ފަލަސްޠީނުގައި އަނިޔާލިބެމުންދާ ރައްޔިތުންގެ މަތިން ހަނދާންކޮށް، އެ ރައްޔިތުންނަށް ނަސްރު ލިބުމަށް އެދި ދުޢާ ކުރަންޖެހޭ ކަމަށް މި އަހަރުގެ އަމީރުލް ޙައްޖު، އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު މިއަދު ވިދާޅުވެއްޖެއެވެ.
އަރަފާތު ބިމުގައި ހުންނަވައިގެން ދެއްވި ބަސްދީގަތުމެއްގައި ޑރ. ޝަފީޢު ވިދާޅުވެފައިވަނީ، ޙައްޖު ދުވަހު ފަލަސްތީނުގެ ރައްޔިތުންގެ މަތިން ހަނދާންކޮށް، ދުޢާތަކުގައި އެ ރައްޔިތުން ޝާމިލް ކުރަންޖެހޭ ކަމަށެވެ.
މާތް ﷲގެ އިރާދަފުޅާއެކު، އަވަސް ނަސްރަކުން ފަލަސްޠީނުގެ ރައްޔިތުންނަށް ނަސްރު ލިބޭތަން ފެންނާނެ ކަމަށް ވެސް ޑރ. ޝަފީޢުވަނީ ވިދާޅުވެފައެވެ.
ދިވެހި ޙައްޖު މިޝަނުން މިއަދު ބުނެފައިވަނީ ދިވެހި ހުރިހާ ޙައްޖުވެރިން ވެސް ތިބީ އަރަފާތު ބިމުގައި ކަމަށާއި، އާންމު ގޮތެއްގައި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
މިރެއަކީ އަޟްހާ އީދު ވިލޭރެއެވެ. މިރޭ ޙައްޖުވެރިން ތިބޭނީ މުޒްދަލިފާގައެވެ. މުޒްދަލިފާގައި ރޭކުރުމަށް ފަހު މުޒްދަލިފާއިން ހިލަ ހޮވައިގެން މާދަމާފަތިހުގެ ވަގުތުގައި އަނެއްކާ ވެސް މިނާއަށް ދިޔުމުގެ ދަތުރު ފަށާނެއެވެ.
މިނާއަށް ގޮސް ޙައްޖުވެރިން ހަދްޔު ކަތިލާނެއެވެ. މިކަން ކުރިއަށްގެންދާނީ ޙައްޖުވެރިން ފައިސާ ދެއްކުމުން ކަމާބެހޭ ސައޫދީ މުއައްސަސާތަކުންނެވެ.
ޙައްޖުވެރިން ޙައްޖުގެ މަޝާއިރުތަކަށް ދިއުމުގެ ދަތުރުފަތުރު ހަމަޖެއްސުމުގައި ބަހުގެ އިތުރުން އިލެކްޓްރިކް ރޭލް ފަދަ ޒާމާނީ ވަސީލަތްތަކުގެ ބޭނުން ވެސް މިހާރުދަނީ ހިފަމުންނެވެ. އެހެންކަމުން މައްކާގެ ހަރަމްފުޅުގެ ސަރަހައްދުން މިނާއަށް ދިޔުމުގައި މަގުތައް ތާށިވުމުގެ މައްސަލަ މިހާރު ވަރަށް ކުޑައެވެ.
ޖަމްރާތަކަށް ހިލަ އުކުމަށްޓަކައި ޙައްޖުވެރިން އީދު ދުވަހުގެ އިތުރުން އަދި ތިން ދުވަސްވަންދެން މިނާގައި މަޑުކުރާނެއެވެ. ނަމަވެސް، އަވަހަށް ތަހައްލުލުވާން ބޭނުންވާ ޙައްޖުވެރިން ތިބޭނީ އެއް ދުވަހު ނުވަތަ ދެ ދުވަހުއެވެ. އެއަށް ފަހު މައްކާގެ ހަރަމްފުޅަށް ގޮސް ތަވާފުލް އިފާޟާކޮށް ސައުޔު ކުރުމުން ޙައްޖުގެ އަޅުކަން ނިމުނީއެވެ.