17 Jun 2012, 13:33
ބެއިޖިންގ (ޖޫން 17): ތިން އެސްޓްރޮނޯޓުންނާ އެކު ދަތުރުކުރާ ޖައްވީ އުޅަނދެއް ފަޒާގެ އޯބިޓެއްގައި ޗައިނާ އިން ބަހައްޓައިފި އެވެ. ޗައިނާގެ ރަސްމީ ޓީވީ ބުނާ ގޮތުން ޗައިނާގެ މި ތިން އެސްޓްރޮނޯޓުންގެ ތެރޭގައި އަންހެނަކު ވެސް ހިމެނެ އެވެ.
މިހާތަނަށް ޖައްވަށް އަންހެނަކު ފޮނުވާފައިވާ ހަމައެކަނި ދެޤައުމަކީ އެމެރިކާއާއި ރަޝިޔާ އެވެ. ޗައިނާއަކީ މިކަމުގައި ތިން ވަނަ ޤައުމެވެ. ޗިންޗުޗޫ 9ގެނަމުން ނަން ދީފައިވާ މިއުޅަނދު ޗައިނާ އިން ޖައްވަށް ފޮނުވާލާފައި ވަނީ އެޤައުމުގެ ހުޅަނގު އުތުރުގައި ސެޓަލައިޓް ޖައްވަށް ފޮނުވުމަށް ބިނާކޮށްފައިވާ ފަޒާއާބެހޭ ޖިޔޫ ޗީވާން ސްޓޭޝަނަކުންނެވެ. ޗައިނާ އިން އިއްޔެ ޖައްވަށް ފޮނުވާލި އުޅަނދުގެ ބޭނުމަކީ މިދިޔަ ސެޕްޓެމްބަރު މަހު އެޤައުމުން ޖައްވަށް ފޮނުވާފައިވާ "ތިޔާނާޖޫޖިން1" ޖައްވީ އުޅަނދާ މިއުޅަނދު ޖައްވުގައި ގުޅި އެކަތިގަނޑަކަށްވުމަށް ފަހު ފަޒާއާބެހޭ ޚާއްސަ ދިރާސާތަކެއް ކުރުމެވެ.
މިދިރާސާތައް ކުރުމަށް 13 ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށް ޗައިނާގެ ފަޒާއާބެހޭ އެޖެންސީ ބުނެ އެވެ. އިއްޔެ ޖައްވަށް ފޮނުވާލި ޗިންޗުޗޫ 9ގެ މަސައްކަތަކީ ޗައިނާ އިން ފަޒާގައި ސްޓޭޝަނެއް ބިނާކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ބައެއްކަމަށް ޚަބަރުލިބެ އެވެ. ޗައިނާ ގެންދަނީ 2020 ގެކުރިން ފަޒާގައި ދާއިމީ ސްޓޭޝަނެއް ބިނާކުރުމަށް މަސައްކަތް ކުރަމުންނެވެ.
ޗައިނާއަކީ ފަޒާއަށް އިންސާނަކު ފޮނުވުމުގެ ޤާބިލްކަން މިހާތަނަށް ހޯދި ތިންވަނަ ޤައުމެވެ. އެންމެ ފުރަތަމަ ޖައްވަށް އިންސާނަކު ފޮނުވީ ކުރީގެ ސޮވިއެޓް ޔުނިޔަން ކަމަށްވާ ރޫސީވިލާތުންނެވެ. އެއަށްފަހު އެމެރިކާއިންނެވެ. އެއީ 1960ގެ އަހަރުތަކުގަ އެވެ. ޗައިނާ އިން ފަޒާއަށް އިންސާނަކު ފޮނުވާފައި ވަނީ 2003 ވަނަ އަހަރު އެވެ. (ނޫސްއެޖެންސީތައް)